ޕަބްލިކް ބްރޯޑްކާސްޓާ އެމްބީސީގެ ޓީވީއެމް އިން އަވަހަށް ހަބަރު ނުފޮނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރި އެ ސްޓޭޝަންގެ ނޫސްވެރިއަކު ވަކި މުއްދަތެއް ނެތް ގޮތަށް މަސައްކަތުން އެކަހެރިކޮށްފި އެވެ.

ޓީވީއެމްގެ ނޫސްވެރިޔާ އަލީ ޝާމީން ކުރި ޓުވީޓަކާ ގުޅިގެން އެމްބީސީގެ ޑިރެކްޓަރު ނިއުސް އެންޑް ކަރަންޓް އެފެއާޒު މުހައްމަދު ޖިނާހު ސޮއިކުރައްވައި ޝާމިން އަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ޝާމިން ކޮށްފައިވާ ޓުވީޓަކީ އެމްބީސީގެ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ޓުވީޓެއް ކަމަށެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ކޮންޓެންޓް އުފެއްދުމާ ސީދާ ގުޅޭ މުވައްޒަފުން އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވުމުގައި ސަމާލުކަން ދޭން ޖެހޭ ކަމަށް ކޯޕަރޭޝަނުން ލަފާ ކުރާ ކަންކަމުގެ ނަމުގައި ނެރެފައިވާ އުސޫލާއި، ޝޯޝަލް ނެޓުވޯކާއި އޮފީސް މެއިލް ބޭނުން ކުރުން މި ނަމުގައި އެމްޑީ ބިއުރޯ އިން ނެރެފައިވާ މެމޯއާ ކަނޑައެޅިގެން ހިލާފަށް،" ޝާމިން އަށް ފޮނުވާފައިވާ މެމޯގައި ބުނެފައިވެ އެވެ.

މެމޯގައި ބުނެފައި ވަނީ އެމްބީސީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ސިޔާސަތުގެ ފަސް ވަނަ މާއްދާގައިވާ "ސިއްރު ހިފެހެއްޓުމާ" ވެސް އެ ޓުވީޓް ހިލާފު ކަމަށެވެ.

އެމްބީސީ އިން ބުނީ ޝާމީން ކޮށްފައިވާ ޓުވީޓަކީ އެމްބީސީ އަށް ރައްޔިތުން ކުރާ އިތުބާރާއި ހަބަރުގެ ތެދުކަމުގެ ކަށަވަރަށް އޮތް ޔަގީންކަން ކުޑަވެގެންދާ ފަދަ އަމަލެއް ކަމަށެވެ.

"މިކޯޕަރޭޝަނުން މި މައްސަލަ ބަލަމުންދާތީވެ ވަކިގޮތެއް އަންގަންދެން ތިޔަ ސްޓާފް [އަލީ ޝާމިން] އެމްބީސީގެ އެއްވެސް ހަބަރެއް ހުށަހެޅުމުން ނުވަތަ ޕްރޮގުރާމެއް ހުށަހެޅުމުން އެކަހެރި ކޮށްފީމެވެ." ޝާމިން އަށް ފޮނުވި މެމޯގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޝާމިން މިއަދު "ސަން" އަށް ބުނީ، އޭނާ މަސައްކަތުން އެއްފަރާތް ކުރި ކަން އެންގީ އިއްޔެ ކަމަށެވެ. އަދި އޭނާ މަސައްކަތުން އެއްފަރާތް ކުރީ މި މަހުގެ 22 ވަނަ ދުވަހު ކުރި ޓުވީޓަކާ ގުޅިގެން ކަމަށް ޝާމިން ބުންޏެވެ.

ޝާމިން ބުނީ އެ މައްސަލާގައި އޭނާ މަސައްކަތުން އެއްފަރާތް ކުރުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.

އެމްބީސީގެ ސްޕޯކްސް ޕާސަން އަބްދުﷲ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ، ޝާމިން ސަސްޕެންޑް ކުރީ ނޫން ކަމަށާއިި އޭނާ "މަސައްކަތުން އެކަހެރި" ކުރީ ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ފިޔަވަޅުތައް އަޅުއްވަނީ ތަނުގެ އެޑިޓޯރިއަލްގެ ނިންމުންތަކާއި އަދި ތަނުގައި ހަދާފައިވާ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މުވައްޒަފު އަމަލުކޮށްފި ނަމަ އެ މުވައްޒަފަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާ އުސޫލުގެ މަތީން ކަމަށެވެ. އަދި އެފަދަ މުވައްޒަފަކާ ދޭތެރޭ އަމަލު ކުރާނެ ގޮތެއް ނިންމާނީ އެޑިޓޯރިއަލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެ މުވައްޒަފަކު ޕްރޮގުރާމަކަށް އަރުވާނީތޯ ނުވަތަ ހަބަރަށް އަރުވާނީތޯ ނިންމާނީ އެޑިޓޯރިއަލުން. އެހެންވީމާ އެ މައްސަލާގައި ވެސް ގޮތެއް ނިންމާނެ އެބޭފުޅުން. އެ އިހުތިޔާރު އެބޭފުޅުންނަށް ލިބިގެންވާނެ. އެހެންނޫނަސް މިފަދަ ކަމެއް އެމްބީސީގައި މިހިނގީ އަލަކަށް ނޫން. މީގެ ކުރިން ވެސް އެ ހާލަތަކަށް ބަލާފައި އެފަދަ ކަންކަން ކުރެވިފައި ހުންނާނެ،" ރަމީޒު ވިދާޅުވި އެވެ.