24 Feb 2015, 16:29
މަގުމަތީގައި ހިނގާފައިދިޔަ މާބަނޑު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވީ، ރޭ ހިނގި އެކްސިޑެންޓެއްގައި އެ ހޮސްޕިޓަލުގައި އަންހެނަކަށް ފަރުވާދެމުންދާ ކަމަށާއި އޭނާ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް އޭނާގެ އިތުރު ތަފްސީލެއް ދޭން އާއިލާގެ ފަރާތުން ބޭނުން ނުވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.
'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ މެންދަމު މާފަންނު ކެނެރީ މަގުގައި ހިނގި އެ ހާދިސާގައި ޒަަހަމްވެފައިވަނީ މާބަނޑު އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅެވެ. އަދި އަންހެން މީހާގެ ބަނޑަށް ދޮޅު މަސް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އާއިލާއާ ގާތް ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އަންހެން މީހާގެ ހާލު ސީރިއަސްވުމުން އިތުރު ފަރުވާއަށް ލަންކާއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަންހެން މީހާގެ އިތުރުން، އެކްސިޑެންޓުގައި އޭނާގެ ފިރިހެން ދަރިފުޅަށް ވެސް ވަނީ އަނިޔާވެފަ އެވެ. ފިރިހެން ކުއްޖާގެ ބޯ ދުޅަވެ، ފައި ކަށިމައްޗާއި އޮޅަބޮށި މަށައިގެން ގޮސްފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާފަންނު ރެޑްވޭވް ކައިރީގައި ހިނގި އެ އެކްސިޑެންޓްގައި، ސައިކަލުގައި އިން މީހާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައުވާ ކަމަށެވެ.