24 Feb 2015, 16:25
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން، ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް އޭނާއަށް ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާއެކު މޫސާ އަލީ ޖަލީލު ވިދާޅުވީ، ވަކީލު ފޯމް ވަނީ ކޯޓަށް ހުށަހަޅާފައި ކަމަށެވެ. އަދި މައްސަލައާ ގުޅޭލިޔުންތައް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ މޫސާ އަލީ ޖަލީލުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނާ ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ ގުޅިގެން މަޝްވަރާކޮށް، އެ އޮޕަރޭޝަންގައި ބައިވެރިވެ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އެހައިކަންހާއިރު އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސްފައިވާތީ ކަމަށެވެ.