މޮސްކޯ (ފެބްރުއަރީ 24) : ރަޝިޔާއާއި ޔުކްރޭނާ ދެމެދު ހަނގުރާމައެއް ފެށުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ޕޫޓިން ވިދާޅުވީ ރަޝިޔާ އިން މަސައްކަތްކުރަނީ ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވައި އެގައުމަށް ސުލްޙަ ގެނައުމަށް ކަމަށާ ޔުކްރޭން ހަމަނުޖެހުންތަކެއްގެ ތެރޭގައިވުމަކީ ރަޝިޔާއަށް މަސްލަޙަތު ހުރިކަމެއްނޫންކަމުގަ އެވެ. މިމޭރުމުން ޕޫޓިން ވާހަކަ ދައްކަވާފައި މިވަނީ ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ރަޝިޔާގެ ދައުރެއްވާ ކަމަށް ބުނެ ޔުކްރޭނުން ތުހުމަތުތަކެއް ކުރަމުންގެންދާ ދަނޑިވަޅެއްގަ އެވެ.
ޔުކްރޭނުން ބުނެފައިވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ އިދިކޮޅު ފަރާތްތަކަށް ރަޝިޔާ އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވާ ކަމުގައެވެ. އަދި ރަޝިޔާގެ ބައެއް ވޮލަންޓިޔަރުން ވެސް އިދިކޮޅު ހަނގުރާމަވެރިންނާ ގުޅިގެން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާކަމަށް ޔުކްރޭނުން ތުހުމަތު ކުރެއެވެ.

ޔުކްރޭންގެ މިތުހުމަތުތަކާ ގުޅިގެން ރަޝިޔާއާއި ޔުކްރޭނާ ދެމެދު ހަނގުރާމައެއް ހިނގުމުގެ ފުރްސަތު އޮތްތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ޕޫޓިން ވިދާޅުވީ އެފަދަ އެއްވެސް ފުރްސަތެއް ނެތްކަމުގަ އެވެ. ޔުކްރޭންގެ ދާޚިލީ ހަނގުރާމައާ ބެހޭ ގޮތުން ޕޫޓިން ވިދާޅުވީ މީގެ ދިހަވަރަކަށް ދުވަސްކުރިން ބިލަރޫސްގެ މިންސްގައި އެއްބަސްވެފައިވާ ސުލްޙައިގެ އެއްބަސްވުން ތަންފީޒު ކުރެވިއްޖެ ނަމަ ޔުކްރޭނަށް ސުލްޙަ ގެނެވިދާނެ ކަމުގައެވެ.

މިންސްގެ ސުލްޙައިގެ އެއްބަސްވުމުން ވުޖޫދަށް އައިސްފައި ވަނީ ޕޫޓިންގެ އިތުރުން ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކަލްއާއި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް އާ އަދި ޔުކްރޭންގެ ރައީސް ބިތްރޯ ބޯޝިންކޯ ޙާޒިރުވެ ވަޑައިގެންނެވި ސަމިޓް ބައްދަލުވުމެއްގެ ތެރެއިންނެވެ. މިއެއްބަސްވުމަށް އިޙްތިރާމް ނުކުރާކަމުގެ ތުހުމަތު ޔުކްރޭނުން އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކުރި ނަމަވެސް ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރާ މިންވަރު ބަލައި އޮބްޒާވްކުރާ ފަރާތްތަކުން ޔުކްރޭންގެ މިތުހުމަތުތައް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ވެސް ވަނީ ސުލްހައިގެ އެއްބަސްވުމަށް އިޙްތިރާމް ނުކުރާކަމުގެ ތުހުމަތު ޔުކްރޭންގެ ސިފައިންގެ މައްޗަށް ވެސް ކޮށްފަ އެވެ. (ރޮއިޓާސް)