24 Feb 2015, 15:58
މާޒިޔާ ވަނީ މިދިޔަ ސީޒަންގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއުރޭޑިއެންޓް ބަލިކުރުމަށް ފަހު އެ މުބާރާތުގެ ތަށި އުފުލާލާފަ އެވެ. އެއަށް ފަހު އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ފިލިޕީންސްގެ ސެރެސް ބަލިކޮށް މިއަދު މާޒިޔާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ނިކުންނައިރު، އެ ޓީމާ ދެކޮޅަށް ވާދަކުރަން އޮތީ ވެސް ވަކި ދެރަ ޓީމެއް ނޫނެވެ.
އިންޑިއާގެ ބެންގަލޫރު އެފްސީ އަކީ އިންޑިއަން ފެޑަރޭޝަން ކަޕްގެ އެންމެ ފަހުގެ ޗެންޕިއަނުންނެވެ. އޭގެ އިތުރުން އެ ޓީމަކީ 14-2013 ވަނަ އަހަރުގެ އިންޑިއަން ލީގް (އައި ލީގް) ކާމިޔާބު ކުރުމުގެ އިތުރުން، މި ސީޒަންގައި އައި ލީގް ލީޑު ކުރަމުންދާ ރޯޔަލް ވަހިންޑޯއާ ދެމެދު އެންމެ ތިން ޕޮއިންޓްގެ ފަރަގެއް ދަމަހައްޓަމުން އަންނަ ޓީމެކެވެ.
މާޒިޔާ މީގެ ކުރިން ދެ ފަހަރު އޭއެފްސީ ކަޕްގައި ވާދަކޮށްފައިވާ އިރު، އެ ޓީމަށް އެ ފަހަރުތަކުގައި ވަނީ އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތް ނުވެފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ސީޒަންގައި އެ ޓީމް ތިން ވަނާފައި އޮވެ ގްރޫޕް ސްޓޭޖު ނިންމާލައި މުބާރާތުން ވަކިވާން ޖެހުނު އިރު، މިދިޔަ އަހަރު އެ ޓީމް މުބާރާތް ނިންމާލީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެނެވެ.
ނަމަވެސް މާޒިޔާއަށް އޮތް ހިތްހަމަ ޖެހުމަކީ ބެންގަލޫރަކީ މުޅިން އަލަށް އޭފްސީ ކަޕަށް ނިކުންނަ ޓީމަކަށް ވުމެވެ. ނަމަވެސް އެ ޓީމްގެ ތަޖުރިބާއެއް ނެތުމަކީ މާޒިޔާއަށް އޮތް އެޑްވާންޓޭޖަކަށް ނުވާނެ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ވަނީ ބުނެފަ އެވެ.
"ބެންގަލޫރު އެފްސީ އަކީ ވަރަށް ފަހުން އުފެދުނު ޓީމެއް، އެ ޓީމް އަދި މީގެ ކުރިން އޭއެފްސީ ކަޕްގައި ކުޅެފައެއް ނުވޭ. ނަމަވެސް އެ ޓީމުގައި ތިބީ ވަރަށް ތަޖުރިބާކާރު، ފެންވަރު ރަނގަޅު ކުޅުންތެރިން. އެ ޓީމްގެ ކޯޗަކީ ހީވާގި ވިސްނުންތެރި ކޯޗެއް. އަދި ޓީމްގައި ތިބީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް. އެހެންކަމުން އޭއެފްސީ ކަޕްގެ ތަޖުރިބާއެއް މީގެ ކުރިން އެ ޓީމަށް ކުރެވިފަ ނެތުމަކީ އަހަރުމެން އުފާ ކުރަންޖެހޭ ކަމެއް ނޫން،" ސުޒޭން ބުންޏެވެ.
ބެންގަލޫރު އެފްސީގެ ކުޅުންތެރިންނަށް ބަލާ އިރު، އެ ޓީމްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. ދަނޑުމަތީގައި ސްޓްރައިކަރެއްގެ މަގާމުގައި ފެނިގެންދާ ޗެތުރީ ވަނީ 2005 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި 43 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ.
ޗެތުރީގެ އިތުރުން ބެންގަލޫރު އެފްސީގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިންނެވެ. އެގޮތުން އެ ޓީމުގެ ޑިފެންސް ބަލަހައްޓަން އިންގްލެންޑުގެ ޑިފެންޑަރު ޖޯން ޖޯންސަން އާއި ކެންޔާގެ ޑިފެންޑަރު ކާޓިސް އޮސާނޯ ތިބިއިރު، އެ ޓީމުގެ ފޯވާޑް ލައިނުން ޗެތުރީއާ ޖެހިގެން ދެން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަކީ އޮސްޓްރޭލިއާގެ ފޯވާޑް ސީން ރޫނީ އެވެ.
މި އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ މުބާރާތް، ޕީޕަލްސް ކަޕްގެ ރަނަރަޕްކަން ހޯދުމަށް ފަހު އޭއެފްސީ ކަޕާ ކުރިމަތިލާ މާޒިޔާ އަކީ ޗެތުރީ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނަށް ވަކި ދޫކުރާ ޓީމެއް ނޫނެވެ. ބެންގަލޫރު އެފްސީ ނިކުންނާނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މިދިޔަ ސީޒަންގެ ރަން ބޫޓުވެސް ހޯދި އަސަދުﷲ އަބްދުﷲގެ ކެޕްޓަން ކަމުގެ ދަށުގައި އޮތް މާޒިޔާއާ ދެކޮޅަށެވެ.
އަސަދުﷲގެ އިތުރުން މާޒިޔާގެ ގޯލާ މި ސީޒަނަށް ހަވާލުވެ ހުރީ ރާއްޖޭގެ ގައުމީ ޓީމްގެ ކީޕަރު އަދި ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ނަން ގުނާލެވޭ އިމްރާން މުހައްމަދު އެވެ. އޭގެ އިތުރުން މި ސީޒަނަށް މާޒިޔާއާ ގުޅުނު ބިދޭސީ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް ވަނީ ނިމިގެން ދިޔަ ޕީޕަލްސް ކަޕްގައި އޭނާއަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއްކަން ދައްކުވައި ދީފައެވެ.
ހުރިހ ގޮތަކުން ބެލިއަސް ތަޖުރިބާ ގިނަ، ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާއާ މިއަދު ބެންގަލޫރު އެފްސީ ކުރިމަތިލާ އިރު، އެ ޓީމްގެ ކޯޗް ވަނީ ޓީމާ މެދު ހިންހަމަ ޖެހުން ފާޅުކޮށް، މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
"އަހަރުމެން މި މެޗަށް ވަރަށް އިންތިޒާރު ކޮށްފިން، މިއީ މި ކްލަބްގެ ތާރީހުގައި ވެސް އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީ ކުޅޭ ފުރަތަމަ މެޗު. ޓީމް އޮތީ ހަމަ އެންމެ ރަނގަޅު ފޯމްގައި. ހާސްވާ ވަރުގެ އިންޖަރީތަކެއް ޓީމަކު ނޫޅެ. އަދި މެޗުގެ ކުރިން ކުރި ތަމްރީނުތަކާއި ތައްޔާރީތަކާ މެދުވެސް ހިތްހަމަ ޖެހޭ. މި މެޗުގައި އަހަރުމެންގެ އެންމެ ރަނގަޅު ޕާފޯމެންސް ދައްކާނަން،" ބެންގަލޫރު އެފްސީގެ އިންގްލެންޑް ކޯޗް، އޭޝްލީ ވެސްޓްވުޑް ބުންޏެވެ.
ބެންގަލޫރު އެފްސީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސްރީ ކަންޓެރަވާ ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިރޭ 19:00 ގައެވެ.