24 Feb 2015, 15:55
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލުމަށް އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރަކު އެ މައްސަލައިން ތަނާޒުލްވުމަށް ނަޝީދުގެ ވަކީލުން އެދިއްޖެ އެވެ.
ނަޝީދު އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއް ބުނެފައި ވަނީ އެ މައްސަލަ ބަލާ ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެެރެއިން ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް އަކީ ނަޝީދުގެ ފަރާތްޕުޅުން ހެކިންގެ ގޮތުގައި ހުށަހަޅަން ނިންމާފައިވާ ދެ ފަނޑިޔާރުން ކަމަށެވެ.
އެ ދެ ބޭފުޅުން އެ މައްސަލަައިން ތަނާޒުލްވެވަޑައިގަތުމަށް ނަޝީދުގެ ވަކީލުންގެ ޓީމުން އެދިވަޑައިގަތީ ނަޝީދުގެ ލޯޔަރު އަލްއުސްތާޒު ހަަސަން ލަތީފް ސޮއިކުރައްވައި މިއަދު އެ ކޯޓަށް ފޮނުއްވި ސިޓީއަކުންނެވެ.
އެ ދެ ފަނޑިޔާރުން އެ މަައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް ނަޝީދުގެ ވަކީލުންގެ ޓީމުން އެދިވަޑައިގަތީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ ދެ ފަނޑިޔާރުން ވެސް އަބްދުﷲ ގާޒީ ގެ ގެކޮޅުގައި ތިއްބެވުމުންނެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު، ސިފައިންގެ ބޭކަލުންނާއި އަބްދުﷲ ގާޒީއާ ދެމެދު ދެކެވުނު ވާހަކަތަކުގެ އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވި އެވެ. އަދި އެ ދެ ފަނޑިޔާރުން ދެއްވާ ހެއްކަށް ބިނާކޮށް ނަޝީދުގެ މައްޗަށްކޮށްފައިވާ ދައުވާގައިވާ ރަހީނު ކުރުމުގެ ކުށް ނަޝީދުގެ މައްޗަށް ސާބިތު ނުވާނެ ކަމަށެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.