24 Feb 2015, 15:54
ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗަކަށް އައްސަދު އަބްދުލް ޣަނީ ހަމަޖައްސައިފި އެވެ.
އެކަމާ ގުޅޭ ގޮތުން އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަގާމަށް އައްސަދު ހަމަޖައްސާފައިވާ ކަމަށާއި އޭނާ އެ މަގާމަށް ހަމަޖެއްސީ ފުޓްބޯޅައިގެ ދާއިރާ އިން އޭނާއަކީ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މީހަކަށް ވާތީ ކަމަށެވެ. އައްސަދު އަކީ ރާއްޖޭގެ ފުޓްބޯޅާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުންތެރިއެއްގެ ގޮތުގައި ވިދާލާފައިވާ މީހެކެވެ. އެގޮތުން 2008 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލާލީ އޭނާގެ ކެޕްޓަން ކަމުގެ ދަށުންނެވެ.
ޑިފެންޑަރެއްގެ މަގާމަށް ކުޅުނު އައްސަދު 2001 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމަށް ކުޅެން ފަށާފައިވާ އިރު، ފުޓްބޯޅަ ކުޅުމުން އޭނާ ރިޓަޔާ ކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. އައްސަދަކީ މި އަހަރު ރާއްޖޭގެ ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް އަދާކުރަމުން އަންނަ މީހެކެވެ.
އައްސަދުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އެފްއޭއެމުން ވަނީ ހުސެއިން ޖަވާޒް އައްޔަނު ކޮށްފަ އެވެ. މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީން ސްޕޯޓްސް މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޖަވާޒް އަކީ މީގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީގެ މަގާމްވެސް އަދާކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އެފްއޭއެމަށް ހިދުމަތް ކުރަން ފަށާފައި ވަނީ 1999 ވަނަ އަހަރު އެވެ.
ކޯޗާއި މެނޭޖަރުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެ ދިނުމަށް އެފްއޭއެމްގެ މިހާރުގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން)ވެސް އެފްއޭއެމުން ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު އެންމެ އަވަހަށް ދެން ވާދަކުރާ އޮފިޝަލް މުބާރާތަކީ 2016 ވަނަ އަހަރުގެ އޭއެފްސީ އަންޑަރ 23 ކޮލިފިކޭޝަން މުބާރާތެވެ. އެ މުބާރާތައް ތައްޔަރު ވުމުގެ ގޮތުން 23 އަހަރުން ދަށުގެ ޓީމު ވަނީ މި މަހުގެ ކުރީކޮޅު ގައުމީ ޓީމްގެ ކޯޗް ވެލިޒާ ޕޮޕޯވް އާއެކު ތަމްރީނުތައް ފަށާފަ އެވެ.
އަންނަ މާޗް މަހު އޯމާންގައި ބާއްވަން ހަމަޖެހިފައިވާ އަންޑަރ 23 އޭއެފްސީ ކޮލިފިކޭޝަން މުބާރާތުގައި މާޗް 23 ވަނަ ރާއްޖެ ފުރަތަމަ ކުޅޭނީ ލެބަނަން އާ ދެކޮޅަށެވެ.