24 Feb 2015, 15:36
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ މަރާލި ޒުވާނާގެ މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑްފްލާވާސް، ޖައިލަމް އަހުމަދު ޝާކިރު،24، މަރުވިތާ ތިން ދުވަސްވަމުން އަންނައިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަަމަށެވެ. ނަމަވެސް ތަހުގީގް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެ ޒުވާނާގެ ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު އެންމެ ބޮޑު ޒަޚަމަކަށް ލިބިފައި ވަނީ އޭނާގެ ކަނާތް ފަރާތުން ކަރަށް ވަރަށް ފުންކޮށް ތޫނު އެއްޗެއް ހަރާފައިވުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.