ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރަން ނުކުންނެވުމުން، އަމިއްލަ ވިޔަފާރި ބަނގުރޫޓުވެ، ދަރަނިވެރިވި ކަމަށާއިވީ ފައިދާއެއް ނެތް ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރު ބަދަލު ކުރަން އިދިކޮޅު އެމްޑީޕީ-ޖޭޕީ ގުޅިގެން ކުރިއަށް ގެންދާ މަގުމަތީ ހަރަކާތާ ގުޅޭ ގޮތުން ރިޔާޒު "ސަން"އަށް ވިދާޅުވީ ވެރިކަން ވެއްޓޭނެ ކަމަށް ގަބޫލުކޮށްގެން "ވެރިކަން ވެއްޓުނަސް، ވައްޓަން ނުކުތް ބަޔަކަށް ފައިދާއެއް ނުވާނެ" ކަމަށާއި އެކަމުގައި ފައިދާ ވާނީ ވަކި ބަޔަކަށް ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރު ވެއްޓޭނެ ކަމަށް ދެކުމަކީ "މޮޔަ" ކަމެއް ކަމަށާއި ސަރުކާރާ ދެކޮޅަށް ނުކުންނަ ބަޔަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ނަޝީދު ސަރުކާރާ ދެކޮޅަށް އަޅުގަނޑު ނުކުތުމުން މިހާލު މި ޖެހުނީ. މިހާރު ވެސް މި އުޅެނީ ދަރަނިވެރި ކަމުގައި. އެކަމުން ސަލާމަތެއް ނުވެވޭ. ސަރުކާރު ވައްޓާލުމުން ވީ ފައިދާއެއް ނެތް،" ވިލުފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމުން، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވެސް ޖެހުނީ "އެ ހާލު" ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒުގެ މެރީޑިއަމް ސާވިސްގެ ފަރާތުން 19 މިލިއަން ރުފިޔާ ހޯދަން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެސްޓީއޯ އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. މެރީޑިއަމްގެ މައްޗަށް އެސްޓީއޯ އިން ދައުވާ ކުރީ ފަހުން ފައިސާ ދައްކާ ގޮތަށް މެރީޑިއަމަށް އެސްޓޯއޯ އިން ނަގާފައިވާ ތެލަށް ވާ 19.3 މިލިއަން ރުފިޔާ ހޯދުމަށެވެ.

މެރީޑިއަމާއި އެސްޓީއޯއާ ދެމެދު ފުރަތަމަ އެއްބަސްވެފައި ވަނީ ކޮންމެ މަހަކު 20 މިލިއަން ރުފިޔާގެ ތެޔޮ މެރީޑިއަމަށް ދޫކުރުމަށާއި 40 ދުވަހުގެ ތެރޭގައި ފައިސާ ދެއްކައި ހަލާސް ކުރުމަށެވެ. ނަމަވެސް ނަޝީދުގެ ސަރުކާރުގައި އެސްޓީއޯ އިން ވަނީ އެ އެއްބަސްވުމަށް ބަދަލު ގެނެސް މަހަކު ދޫކުރާ ތެލުގެ އަގު 10 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ބިލް ފޮނުވުމުން ފައިސާ ދައްކަން ޖެހޭ މުއްދަތު 30 ދުވަހަށް ވެސް ކުޑަ ކުރި އެވެ.