24 Feb 2015, 15:05
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ނަޝީދު އިއްޔެ ކޯޓަށް ހާޒިރުކުރުމުގެ ތެރޭގައި ލިބުނު އަނިޔާ އަށް ފަރުވާދިނުމަށް މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫ އަށް މިއަދު ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިއަދު މެންދުރު ފަހު 2:20 އެހާކަންހާއިރު ނަޝީދު މާލެ ގެނެސް މެޑިކާ އަށް ދައްކާފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ދޫނިދޫ އަށް ގެންގޮސްފައި ވަނީ މެންދުރު ފަހު 3:00 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ލިބިފައި ވަނީ ކޮން އަނިޔާއެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް އިއްޔެގެ ޝަރީއަތަށް ނަޝީދު ހާޒިރުކުރުމުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ އަނިޔާ އެއް ނަޝީދުގެ އަތަަށް ލިބިފައިވާ ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގެ ޝަރީއަތަށް އިއްޔެ ނަޝީދު ކޯޓަށް ގެނައި ވަގުތު އެ ސަރަހައްދަށް އެއްވެފައިވާ މީޑިއާގެފަރާތްތަކާ ވާހަކަ ދައްކަވަން ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެ ފުރުސަތު ނުދީ ފުލުހުން ނަޝީދު ކޯޓަށް ވައްދަނިކޮށް ނަޝީދު ގަަދަހައްދަވައި އަމިއްލަފުޅަށް ބިމަށް ވެއްޓިވަޑައިގެންނަވަ އެވެ.