ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެ އަށް ބޭރުގެ ފަރާތްތަކުން ވަނުމަކީ ރަނގަޅު ކަމެއްނޫން ކަމަށާއި ހަމަ އެހެންމެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި މައްސަލަގެތެރެއަށް އިންޑިއާ އިން ވަނުމަށް ނޭދޭ ކަމަށް ރާއްޖެ އިން އިންޑިއާ ކަނޑަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.

އައިބީއެން އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އިންޑިއާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހަންމަދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އަކީ ވަރަށް ގާތް އެކުވެރި ދެ ގައުމު ކަމަށާއި ދެ ގައުމުގެ ގުޅުމަށް 50 އަހަރު ފުރުން މި އަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއަން އޯޝަންގެ ސަލާމަތާއި ރައްކާތެރިކަން ހުރިހާ ކަމަށް ވުރެ ބޮޑަށް ރާއްޖެ އަށް މުހިންމު ކަމަށެވެ.

އައިބީއެންގެ ނޫސްވެރިޔާ ތަކުރާރުކޮށް ސަފީރާ ސުވާލު ކުރައްވަމުންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިންޑިއާއާ ގާތް ގުޅުމަކަށް ގޮވާލަމުން އަންނަ ސިޔާސީ ލީޑަރެއް ކަމަށާއި ޕީޕީއެމް ސަރުކާރުން އިންޑިއާ އަށް ވުރެ ބޮޑަށް ޗައިނާއާ އެކު އޮންނަ ގުޅުން ރަނގަޅު ކަމަށް އާންމުން ދެކޭ ކަމަށެވެ.

ސަފީރު ވިދާޅުވީ އެއީ އާންމުން ދެކޭ ގޮތް ކަމަށް ވެދާނެ ކަމަށާއި ނަމަވެސް ރާއްޖެއިން އިންޑިއާއާ އެކު ބާއްވާ ގާތް ގުޅުން އިންޑިއާ ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އިންޑިއާ އަށް ވަޑައިގަތްތާ އަދި ވީ ދެ ހަފްތާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.