24 Feb 2015, 13:23
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ހިނގަމުން އަންނަ ކަންތައްތަކުގައި ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ގޮތް ކިޔައި ނުހެދޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުގައި ކަން ހިނގި ގޮތާ ބެހޭ ގޮތުން ބައެއް ގައުމުތަކުން ނެރުނު ބަޔާންތަކަށް ރައްދު ދެއްވުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ދުންޔާ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
"...ރައީސް ޔާމީނުގެ ސަރުކާރުން ހަމަ ހުރިހާ ކަމެއް ވެސް މިގެންދަވަނީ ގާނޫނު އަސާސީއާ އެއްގޮތަށް. ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ހިނގާފައެއް ނުވެޔޭ. ދިވެހި ރާއްޖެއަކީ ޔަންގް ޑިމޮކްރަސީއެކޭ، އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންނަށް ވަރަށް ފަހުން މިއޮތީ އާ ގާނޫނު އަސާސީއެއް މިއޮތީ ލިބިފައި. ބާރުތައް ވަކިވެފައި. އެކި މުއައްސަސާތަކުގެ ޒިންމާތައް ވެސް ވަރަށް ސާފުކޮށް އެބަ އެނގޭ. އެހެންވީމާ އެ މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ޒިންމާތައް ހަމަ އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ފުލް ކޮންފިޑެންސް އޮތް ވާހަކަ އަޅުގަނޑު ބޭރު ދުނިޔެއަށް ދަންނަވާލަން ބޭނުންވޭ. އެހެންވީމާ އަޅުގަނޑުމެންގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް ހިނގަމުންދާ ކަންތައްތަކުގައި ބޭރަކުން ގޮތްތަކެއް ނުބުނެވޭނެ،" ދުންޔާ ވިދާޅުވި އެވެ.
އިއްޔެ ހިނގައި ދިޔަ ކަންތައްތަކާ ބެހޭ ގޮތުން މިހާތަނަށް ބަޔާން ނެރުނު ބައެއް ގައުމުތަކާއި ޖަމާއަތްތަކާ ބެހޭ ގޮތުން ދުންޔާ ވަކި ވަކިން ވެސް ބައެއް ވާހަކަފުޅުތައް ދެއްކެވި އެވެ. އެގޮތުން ކޮމަންވެލްތުން ބަޔާނެއް ނެރެފައި ވާތީ އެކަމާ އޭނާ ވަރށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ވިދާޅުވީ އިރުއިރުކޮޅާ ބަޔާންތަކެއް ނެރުމަކީ ގައުމަކާ މުއާމަލާތްކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ޖަމާއަތުން ބަޔާން ނެރުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމަންވެލްތަކީ ރާއްޖެއަށް މާ ބޮޑު އެހީތެރިކަމެއްދޭ ޖަމާއަތެއް ނޫން ކަމަށާއި އެޖަމާއަތުގައި ބައިވެރިވެގެން ތިބުމުގެ ބޭނުމަކީ ކޮބައިތޯ ރައްޔިތުން ކުރިން ސުވާލު އުފައްދާފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ސުވާލު އަދި ވެސް އެގޮތުގައި އެބަ އޮތް ކަމަށެވެ.
ބަޔާން ނެރެފައިވާ ގައުމުތަކުގެ ތެރެއިން، ކެނެޑާގެ ބަޔާން ދުންޔާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. ވިދާޅުވީ އެއީ މައުލޫމާތު ނުހޯދައި ނެރެފައިވާ ބަޔާނެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ބައެއް ގައުމުތަކާއި ޖަމާއަތްތަކުން ބަޔާން ނެރެފައި ވަނީ އިދިކޮޅު ފަރާތްތަކާ އެއް ކޮޅަށް ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
"...މިހާތަނަށް ހާރިޖީ ދާއިރާގައި މިލިބިފައިވާ ކާމިޔާބީތަކާއި ރީތި ނަން ހުތުރުކޮށް ކިލަނބުކުރަން ކަންތައްތަކެއް ކުރަމުން އެބަދޭ. އެހެންވީމާ މިކަންތައްތަކުގައި އޮޕޮޒިޝަން ލައިން ނަގައިގެން ގައުމުތަކާ ޖަމިއްޔާތަކުން އޮޕޮޒިޝަންގެ ލައިން ނަގައިގެން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ސްޓޭޓްމެންޓް ނެރޭތީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަން،" ދުންޔާ ވިދާޅުވި އެވެ.