24 Feb 2015, 12:44
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކޯޓަށް ހާޒިރު ކުރި ވަގުތު ރައީސް ނަޝީދަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެފައި ވާތީ އެ މައްސަލަ ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅަން ނިންމައިފި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ވިލި މާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ޕީޕީއެމް އިން މިއަދު ހުށަހަޅާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތެރެއަށް އެމްޑީޕީ އިން ވަންނަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން އެ މައްސަލަ މިއަދު ވައްދާނަން. އިރާދަކުރެއްވިއްޔާ މިއަދު ހަވީރު ކޮމިޓީ ބޭއްވޭތޯ ވެސް މަސައްކަތް ކުރާނަން،" ނިހާން ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު "ސަން" އަށް މިއަދު ވިދާޅުވީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އަދި އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ވީ އެންމެ އަވަހަކަށް ބެލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ސީރިއަސް މައްސަލައެއް ދެއްތޯ. އެހެންވީމަ އެ މައްސަލަ އަޅުގަނޑުމެން ވީ އެންމެ އަވަހަކަށް ބަލާނަން. އަދި ވޯޓިން ކޯރަމް ހަމަވާނަމަ އަވަހަށް މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރާނަން." މައުރޫފު ވިދާޅުވި އެވެ.
ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ރައީސް ނަޝީދު ކޯޓަށް ގެންނެވުމުން ބައެއް މީޑިއާތަކުން ރައީސް ނަޝީދާ ސުވާލުކުރަން މަސައްކަތްކުރެއްވި ކަމަށެވެ. އަދި އެއަށް ފަހު "އެމަނިކުފާނު ކޯޓަށް ވެދެވަޑައިގަތުމާ ދެކޮޅު ހައްދަވައި އަމިއްލަ ފުޅަށް ވެއްޓިވަޑައިގަނެ ގަދަ ދައްކަވަން ފެއްޓެވި" ކަމަށެވެ.
ނަމަވެސް ރައްކާތެރިކަމާ އެކު ފުލުހުން އެމަނިކުފާނު ކޯޓުތެރެއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ކޯޓުތެރެއަށް ވެއްދުމަށް އެމަނިކުފާނަށް ފުލުހުން ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ހަވީރު 4:00 ގައި ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ފަށާފައި ވަނީ 4:35 އެހައިކަންހާއިރު އެވެ. ފުލުހުންގެ ބެލުމުގެދަށުން ޝަރީއަތްކުރާ ކޮޓަރިއަށް ރައީސް ނަޝީދު ވަދެވަޑައިގަތީ ކޮރުޖައްސަވަމުން ނެވެ. އެއިރު އެމަނިކުފާނުގެ ގަމީހުގެ އެކި ތަންތަން ވީދިފައިވާ އިރު، އަތްބިންދައިގެން ގޮސްފައި ތިބޭ މީހުން ތިބޭގޮތަށް އެމަނިކުފާނުގެ ކަނާތްޕުޅު ވަނީ، ޓައީއާއި ޓީޝާޓެއްބޭނުން ކުރައްވައިގެން ކޮނޑުފުޅުގައި އައްސަވާފަ އެވެ.