24 Feb 2015, 12:37
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭފްރީކަން ކުރި އޮފިޝަލް މާޓީން އެޓްކިންސަން ރެފްފީކަމުން ދުވަސްކޮޅަކަށް ދުރުވެލަން ޖެހޭ ކަމަށް ޕްރިމިއާ ލީގު މެޗުތަކަށް އޮފިޝަލުން ހަމަޖައްސާ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ބޯޑުގެ ކުރީގެ ރައީސް ކެއިތު ހެކެޓް ބުނެފި އެވެ.
ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރި އެޓްކިންސަން އޭގެ ތިން ދުވަސް ކުރިން ވަނީ ޗެންޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޝާލްކޭ ބައްދަލު ކުރި މެޗުގައި ވެސް ރެފްރީކަން ކޮށްފަ އެވެ. ހެކެޓް ބުނީ ރެއާލް މެޗަށް ފަހު އެޓްކިންސަންއަށް ރެސްޓު ކުރަން އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ.
"ޗެންޕިއަންސް ލީގު މެޗަކަށް ފަހު ތިން ދުވަސް ތެރޭ ޕްރިމިއާ ލީގު މެޗެއް އޮފިޝިއޭޓް ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ޗެންޕިއަންސް ލީގު މެޗުތައް އޮފީޝިއޭޓް ކުރުމަކީ ވަރަށް ވަރުބަލިވާ ކަމެއް. ރެއާލް މެޗަށް ފަހު ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ކުރިން އޭނާއަށް ތިން ދުވަހަށް ވުރެ ގިނަ ދުވަސް ރެސްޓަށް ދޭން ޖެހޭ،" ހެކެޓް ބުންޏެވެ.
ޗެލްސީ އާއި ބާންލީ ބައްދަލު ކުރި މެޗުގައި ބާންލީގެ ސްޓްރައިކަރު ބާންސް ޗެލްސީގެ މިޑްފީލްޑަރު މެޓިކްއަށް ނުރައްކާތެރި ފައުލެއް ކުރުމަށް ފަހު، މެޓިކް ތެދުވެ ބާންސް ކޮށްޕާ ވައްޓާލާތަން ފެނެ އެވެ. އަދި އެކަމުގެ ސަބަބުން ރެފްރީ އެޓްކިސަން ވަނީ މެޓިކްއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މީގެ ކުރިން 1981 އިން 1991 އަށް ފީފާ ރެފްރީކަންވެސް ކުރި ހެކެޓް ވަނީ ބާންސްގެ ޓެކްލް ކުށްވެރިކޮށް، މޮރީނިއޯގެ ބަހަށް ތާއީދު ކޮށްފަ އެވެ. މޮރީނިއޯ ވަނީ ބާންސްގެ ޓެކްލް އަކީ "ކްރިމިނަލް" ޓެކްލްއެއްކަމަށް ބުނެފަ އެވެ.
"މެޓިކްއަށް ބާންސް ކުރި ޓެކްލްއަކީ ރަނގަޅު ޓެކްލެކޭ އެކަކަށްވެސް ނުބުނެވޭނެ. ބާންސް ދުވެފަ ދިޔަ ސްޕީޑް އޭނައަށް ކޮންޓްރޯލް ނުކުރެވި، އޭނާ މެޓިކްގެ ފަޔަށް ދަށްފުއް ދިއްކޮށް ޓެކްލް ކުރީ ވަރަށް ނުރައްކާތެރި ގޮތަކަށް. މެޓިކްގެ ފައި ބިންދައިގެން ނުދިޔައީ އޭނާގެ ނަސީބު ގަދަ ކަމުން،" ހެކެޓް ބުންޏެވެ.
މެޓިކްގެ ހާދިސާގެ އިތުރުން ހޮނިނިރު ދުވަހު އެ ދެ ޓީމް ބައްދަލުކުރި މެޗުގެ 30 ވަނަ މިނެޓުގައި ބާންސް ޗެލްސީގެ އިވަނޮވިކްއަށް ކުރި ފައުލަކީ ވެސް ބާންސްއަށް ކާޑެއް ދައްކަން ޖެހޭ ވަރުގެ ފައުލެއް ކަމަށާއި، 33 ވަނަ މިނެޓުގައި އިވަނޮވިކް ބާންލީގެ ގޯލަށް ފޮނުވާލި ޝޮޓު ބާންލީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި އެ ޓީމްގެ މައިކަލް ނައިޓްލީގެ އަތުގައި ޖެހުމުން، އެއީ ޗެލްސީއަށް ޕެނަލްޓީއެއް ލިބެވްވާވަރު ހާދިސާއެއް ކަމަށް ޗެލްސީ ކޯޗް ހޯޒޭ މޮރީނިއޯ ވަނީ ބުނެފައެވެ.
މޮރީނިއޯ އާއި ހެކެޓްގެ އިތުރުން ބީބީސީގެ އެނަލިސްޓް އެލެން ޝިއަރާ އާއި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގޭރީ ނެވިލްވެސް ވަނީ އެ މެޗުގައި ބާންސްގެ އަމަލުތައް ކުށްވެރި ކޮށްފަ އެވެ. އަދި ޗެލްސީން މެޓިކްގެ ރަތް ކާޑު އުވާލަދިނުމަށް މިހާރު އިނގިރޭސި އެފްއޭގައި އެދިފައިވާ އިރު، ޝިއަރާ އާއި ގޭރީ ޗެލްސީގެ އެޕީލްގައި ބައިވެރި ވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.