24 Feb 2015, 12:34
ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރަން ކުއްޔަށް ދޫކޮށްފައިވާ ނ. ކަލައިދޫ ކުއްޔަށް ހިފި ފަރާތުން އެ ރަށުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާ މީރާ އަށް ދައްކަން ހައިކޯޓުން ހުކުމްކޮށްފި އެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ރަށް ކުއްޔަށް ދީފައި ވަނީ އާދަމް ނަޟީރު ނަމަކަށް ކިޔާ މީހަކަށެވެ. ހައިކޯޓުން މިގޮތަށް ނިންމާފައި ވަނީ ސިވިލް ކޯޓުގެ ހުކުމް އާދަމް ނަޟީރު އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލައިގައި އިއްވި ހުކުމުގަ އެވެ.
އެ ހުކުމުގައިވާ ގޮތުން އާދަމް ނަޟީރު ނ. ކަލައިދޫގެ ލީސް ރެންޓުގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި ކަނޑައެޅިފައިވާ ގޮތަށް ކުލި ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އާ އެކު 8،143،257.28 ރުފިޔާ މީރާ އަށް ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އަމުރުކުރައްވާފަ އެވެ.
ސިވިލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް މީރާއަކީ ހަމައެކަނި ޓެކްސް އަދި ޓެކުހާ ގުޅުން ހުރި ފައިސާއާ މެދު ޝަރުއީ ކޯޓުތަކުގައި ދައުވާކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއެއްކަމަށް އާދަމް ނަޒީރުގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އަދި އާދަމް ނަޟީރާއި މިނިސްޓްރީއާ މެދު ވެވުނު އެއްބަސްވުމުގެ ބައެއް މާއްދާ، ސިވިލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ މަނާކޮށްފައި ވަނީ ވެސް ރަނގަޅަށް ނޫންކަމަށް އޭނާ ވަނީ ހުށަހަޅާފަ އެވެ.
ނަމަވެސް ހައިކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކުހަށް ނުވާ ފައިސާ ހޯދުމަށް ދައުވާކުރުމުގެ ބާރު މީރާ އަށް ލިބިފައިވާ ކަމަށް ހައިކޯޓުން މީގެކުރިން ނިންމަވާފައިވާ ތިން މައްސަލައެއްގައި ކަނޑައަޅުއްވާފައިވާ ކަމަށް ފާހަގަކުރައްވައި ސުޕްރީމް ކޯޓުން މިއިން ނިންމުމެއްގެ ހުކުމް ބަދަލުކުރައްވާފައި ނުވާކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ސިވިލްކޯޓުން މައްސަލަ ބެއްލެވި ގާޒީ މައްސަލަ ބައްލަވާފައި ވަނީ ރަނގަޅަށް ކަމަށެވެ.
އާދަމް ނަޟީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ގާނޫނީ ނުވަތަ ޝަރުއީ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނުކުތާތަކެއް ނޫން ކަމަށާއި އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލްކޯޓުގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.