24 Feb 2015, 11:54
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަަކަށް ބަލާ އިރު އާބާދީގެ ގާތްގަނޑަކަށް ކޮންމެ 25 މީހަކަށް ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އިއްޔެ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ވިޔަފާރިތަކުގެ ތެރޭގައި ކުންފުނިތަކާއި އާއްމު ފަރުދުންގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީ ހިމެނޭ ވެސް ކަމަށެވެ.
"އަޅުގަނޑުމެން ވެސް ހައިރާންވި މި ތަފާސް ހިސާބަށް ބަލާފައި. އެހެންނަމަވެސް ވިޔަފާރި ރަޖިސްޓްރީތަކަށް ބަލާ އިރު ފެންނަން އޮތް ހަގީގަތަކީ މިއީ،" ވިސާމް ވިދާޅުވި އެވެ.
ވިޔަފާރި ކުންފުނީގެ ގޮތުގައި ގާތްގަނޑަކަށް 11،000 ކުންފުނި އާއްމު ފަރުދުންގެ ވިޔަފާރީގެ ގޮތުގައި 3000 އަށް ވުރެ ގިނަ ވިޔަފާރި، ޕާޓްނާޝިޕްގެ ގޮތުގައި 200 ވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީގެ ގޮތުގައި 20 ވިޔަފާރިއެއް ވަނީ އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފަ އެވެ.
ރާއްޖޭގައި ހިންގަމުންދާ ހުރިހާ ވިޔަފާރިތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ބުންޏެވެ.
ވިޔަފާރިތަކާއި ފުރިހަމަ މައުލޫމާތު ލިބި ރަނގަޅު ޑޭޓާ ބޭސްއެއް ގާއިމުކުރެވެމުން އޭގެ ފައިދާ ވިޔަފާރިތަކަށާއި މިނިސްޓްރީ އަށް ވެސް ކުރާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
އެގޮތުން ވިޔަފާރިތަަކަށް ބޭނުންވާ ފަންނީ މައުލޫމާތުގެ އެހީތެރިކަން ފޯރޮވައިދިނުމަށް ފަސޭހަ ވެގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރުން ލޯނުތައް ހަމަޖެއްސުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.