24 Feb 2015, 11:39
ގާނޫނީ ހުކޫމަތާއި ކޮމަންވެލްތު ޗާޓަރަށް އިހުތިރާމް ކުރުމަށް އެޖަމާއަތުން ރާއްޖެ އަށް ގޮވާލައިފި އެވެ.
ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ އިއްޔެ ނަޝީދު ކޯޓަށް ހާޒިރުކުރި އިރު އެމަނިކުފާނަށް ގާނޫނީ ވަކީލަކު ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ނުވާ ކަމުގެ ރިޕޯޓްތައް ކޮމަންވެލްތަށް ލިބިފައިވާ ކަމަށެވެ. އެ ދެކަންތަކާ ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް އެކަންތައްތަކުގެ ކަންބޮޑުވުން ހުށަހަޅުއްވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"... އަދި ގާނޫނީ ހުކޫމަތަށް އިހުތިރާމް ކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމާއި ކޮމަންވެލްތުގެ ޗާޓަރާ އެއްގޮތަށް އަމަލުކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި އެވެ،" ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.
ބާރުތައް ވަކިކޮށްފައި ބޭއްވުމާ ގުޅޭ ގޮތުން ކޮމަންވެލްތުން ރާއްޖެ އަށް ފަންނީ ލަފާ ދޭން ތައްޔާރަށް އޮތް ކަމަށް ކުރިން ބުނެފައިވާ ބުނުން އެޖަމާއަތުން ވަނީ ތަކުރާރުކޮށްފަ އެވެ.
ރައީސް ނަޝީދު އިއްޔެ ކޯޓަށް ހާޒިރުކުރުމުގެ ތެރޭގައި ހިނގި ކަންތައްތަކާ މެދު ކަންބޮޑުވާކަން އަވަށްޓެރި އިންޑިއާ އިން ވެސް ރޭ ވަނީ ފާޅުކޮށްފަ އެވެ.