24 Feb 2015, 10:38
ގަރުނުގެ ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮގެ ހަނދާނުގައި ސަން އެފްއެމުން ނެރެމުން އަންނަ "ވާ ހަނދާނަކުން"ގެ ތިން ވަނަ ޑީވީޑީ އިފްތިތާހުކޮށްފި އެވެ.
އޮލިމްޕަސް ސްޓޭޖްގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި "ވާހަނދާނަކުން 3"ގެ ޑީވީޑީ އިފްތިތާހުކޮށްދެއްވީ ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން އަލީ އާއި އެޑްމިން އަދި އެޗްއާރް މެނޭޖަރު މުހައްމަދު އާމިރު އަހުމަދު (ފަރެސްއާމިރު) އެވެ.
ވާހަނދާނަކުން 3ގެ ޑީވީޑީ ލޯންޗް ކުރުމަށް ބޭއްވި އެ ހަފްލާގައި އަަލްބަމަށް ލަވަކިޔާދީފައިވާ ތަރިން އެމީހުންގެ ލަވަތައް ވަނީ ހުށަހަޅައިދީފަ އެވެ.
ރޭގެ ހަފުލާގައި ވާހަނދާނަކުން ތިނެއްގެ އާޓިސްޓުންނަށް ސްޓޭޖް މަތީން މަރުހަބާ ދެންނެވީ ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) އެވެ.
ޖެނުއަރީ 15 ވަނަ ދުވަހު ބާޒާރަށް ނެރުނު ވާހަނދާނަކުން 3ގައި ހިމެނޭ ލަވަތަކަކީ، "އާ ކުއްޖެކޭ" އާއި "ބުމަޔާ ލޮލާ" އާއި "ދެހިތުގެ ލޯބި ގަތާ" އާއި "ފަޒާއޭ ދިއްލެނީ" އާއި "ގުލާބީމާފުޅު" އާއި "އިންދިރާސް" އާއި "ކީފަހު މަށަށް ރަން" އާއި "ނުފޭހޭ މާފުލިބުމެއް" އާއި "ރޭރޭ ދިވާނާ" އަދި "ރީތި ނަލަނަލަ ހަނދެއް" އެވެ.

މި އަލްބަމަށް ލަވަތައް ކިޔައިދީފައި ވަނީ، ކުޑަ އިއްބެ، ލަމްހާ (ލަމް)، ޖަލާލް، އަޝްރާ، އައްމަޑޭ، ރާފިޔަތު، ޔާފިއު، އަޝްފާ، ތޭރަވާ، ޔާމީން، މާއިން، ނައްފާން، ސަމާ، ޝަބީން އަދި މީރާ އެވެ. "ވާހަނދާނަކުން" ސީރީސްގެ ތީމް ލަވަ، "ވާ ހަނދާނަކުން ރޮވެނީ" މި އަލްބަމުގައި ވެސް ހިމެނޭނީ ކުރީގެ ދެ އަލްބަމެކޭ އެއްފަދައިން މި ހުރިހާ ލަވަކިޔުންތެރިންގެ އަޑުންނެވެ.

ވާހަނދާނަކުން 1 އަދި 2 ވެގެން ގޮސްފައި ވަނީ ދިވެހީންގެ މެދުގައި ވަރަށް ވެސް މަގުބޫލު ދެ އަލްބަމަށެވެ. މި ޑީވީޑީގެ އިންސުއަރެންސް ޕާޓްނަރަކީ އެލައިޑް އިންސުއަރެންސް އެެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ މާލޭ އެެރޭޓެޑް ވޯޓާ ކޮންޕެނީ އެވެ. މި ޕްރޮޖެކްޝަން ޕާޓްނަރަކީ ޑޯވް އެވެ. ސައުޑް އެންޑް ލައިޓް ޕާޓްނަރުންނަކީ ބީމޮން އެވެ.