މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށްފަހު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުން ދައްކައިދީފި ކަމަށެވެ. އަދި ދެން މައްސަލަ ނަގައިގެން ކޯޓަށް ނުދިއުމަށާއި ނޫސްވެރިން ވެސް ރައްޔިތުންގެ ނިންމުމަށް ތަބާވުމަށް ރައީސް އެދިވަޑައިގަތެވެ. އެކަމަކު ރައީސް އެހެން ވިދާޅުވި ނަމަވެސް ބައެއް މައްސަލަތަކުގެ ހަގީގަތާ ހަމައަށް ދެވޭނީ އެ ވާހަކަތައް ދައްކައި، ލިޔެ ހަދައިގެނެވެ. އެގޮތުން އައްޑޫގައި ބޭއްވި އިންތިހާބުގެ މައްސަލައަކީ އޮއްބައިނުލެވޭ ވަރަށް ގިނަ މައްސަލަތައް ފެންމަތިވި އިންތިހާބެކެވެ.

އެންމެ ފުރަތަމަ ފާހަގަ ކުރެވޭ ކަމަކީ އައްޑޫގައި އިލެކްޝަންސް އިން އިންތިހާބު ބޭއްވި ގޮތެވެ. އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު ބޭއްވުމަށް އިއުލާން ކުރި ފަހުން އެ ސިޓީ ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ސިޓީ ހެދުމުގެ ޝަރުތުތައް ކަނޑައަޅާފައިނުވާތީ އެވެ. އެހެންކަމުން ޝަރުތުތައް ކަނޑައެޅުމުން އައްޑޫގައި އަނެއްކާ ވެސް ސިޓީއެއް ހެދި އެވެ. އާ އައްޑޫ ސިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން އިއުލާނެއް ނުކުރެ އެވެ. މިހެން ކަންތައް ދަނިކޮށް އަނެއްކާ ސިވިލް ކޯޓުން ވަނީ ފަހުގެ އައްޑޫ ސިޓީ ހެދުމަށް ކަނޑައެޅި ޝަރުތުތައް ބާތިލްކޮށްފަ އެވެ. އެހެންކަމުން އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ނުބޭއްވުމަށް ކޮމިޝަނުން ނިންމި އެވެ. އެކަމަކު އައްޑޫގައި ވެސް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުން، އައްޑޫގައި އަނެއްކާ ވެސް ހަމަ ސިޓީ ކައުންސިލް އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް އިން ނިންމި އެވެ. މިފަހަރު ވެސް އިއުލާނެއް ނުކުރެ އެވެ.

"ކޮންމެ ނިންމުމެއްގައި ވެސް ގާނޫނީ ބާރު އެބަ ލިބެންޖެހޭ. ކޯޓަކުން ކަމެއް ނުވަތަ ޕްރޮސެސްއެއް ބާތިލްކޮށްފިއްޔާ އަލުން ޖެހޭނީ އެކަމެއް ފަށަން. އަލުން ފަށަންޖެހޭނީ ހަމަ ޕްރޮސެސް ފެށުނީއްސުރެ. ގާނޫނީ އުސޫލަކަށް ވާންޖެހޭނީ އެގޮތް،" އައްޑޫގެ އިންތިހާބާ ބެހޭ ގޮތުން ޒުވާން ގާނޫނީ ވަކީލު ހަސަން ފަލާހު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ހަގީގަތުގައި އިލެކްޝަންސް އިން އިއުލާން ކުރަންޖެހޭނެ ކޮންމެ ފަހަރަކު ވެސް އިންތިހާބު ބާއްވާއިރު."

ފަލާހު ވިދާޅުވީ އިލެކްޝަންސް އިން އައްޑޫގައި ސިޓީ ކައުންސިލްގެ އިންތިހާބެއް ބާއްވާފައިވާއިރު ސުޕްރީމް ކޯޓުގެ އަމުރުގައި އައްޑޫގައި ސިޓީ ކައުންސިލްގެ އިންތިހާބެއް ބޭއްވުމަށް އަމުރުކޮށްފައިނުވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ހެދުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ސިވިލް ކޯޓުން ބާތިލްކޮށްފައިވާއިރު ސިޓީ ކައުންސިލެއްގެ އިންތިހާބު އައްޑޫގައި ބޭއްވުމުގެ ބާރު އިލެކްޝަންސްއަށް ލިބިގެން ނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ދެ ބާވަތެއްގެ ކައުންސިލް އިންތިހާބު ބޭއްވޭ އިރު އޭގެ ތެރެއިން ބާއްވަންވީ ކޮން އިންތިހާބެއް ކަމެއް ސުޕްރީމް ކޯޓަކުން ނުބުނޭ. ދެން އެ މައްސަލައިގައި ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު ސިވިލް ކޯޓުން މި އޮތީ ސިޓީގެ ޝަރުތުތައް ބާތިލްކޮށްފައި. އެހެންކަމުން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިލެކްޝަންސަކަށް އައްޑޫގައި ސިޓީ ކައުންސިލްގެ އިންތިހާބެއް ބޭއްވޭނެ ކަމަކަށް،" ފަލާހު ވިދާޅުވި އެވެ.

ދެން އޮތީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާ އިއްޒަތްތެރި ސުޕްރީމް ކޯޓުގެ އަމުރުގެ ވާހަކަ އެވެ. ވަރަށް ގިނަ ވަކީލުން ވަނީ އެ އަމުރަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ކުޅަދާނަ ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ "އެހެނިހެން ދާއިރާތަކެކޭ" އެއްފަދައަކުން އައްޑޫގައި ވެސް ލޯކަލް ކައުންސިލުގެ އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެކަމަކު ސިޓީ އިންތިހާބަކާއި ރަށު ކައުންސިލް އިންތިހާބުތަކެއް އެހެން ދާއިރާތަކުގައި ބާއްވާއިރު އޭގެ ތެރެއިން އައްޑޫގައި ބާއްވަންޖެހެނީ ކޮން ބާވަތެއްގެ އިންތިހާބެއްކަން ސުޕްރީމް ކޯޓުގެ ހުކުމުން ސާފުނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި އިންތިހާބު ނުބޭއްވުމަށް އިލެކްޝަންސް އިން ނިންމި ނިންމުމަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ތަފާތު ނުކުރުމުގެ އުސޫލާއި ހަމަހަމަ ކަމުގެ އުސޫލާ ހިލާފް ނިންމުމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ސިޓީގެ ޝަރުތު ބާތިލް ކުރި ސިވިލް ކޯޓުގެ ހުކުމް އޯވާރޫލް ނުކޮށް އިލެކްޝަންސް އިން އައްޑޫގައި އިންތިހާބު ނުބާއްވަން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ބުނެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ޝަރުތުތައް ބާތިލް ކުރި ސިވިލް ކޯޓުގެ ހުކުމަށް ތަބާވުމަށް އިލެކްޝަންސް އިން އައްޑޫގައި އިންތިހާބު ނުބޭއްވުމަށް ނިންމީ. އެ ހުކުމް ސުޕްރީމް ކޯޓުން އޯވާ ރޫލެއް ނުކުރޭ. ދެން މި ބުނަނީ އިންތިހާބު ނުބޭއްވުމަށް އިލެކްޝަންސް އިން ނިންމީ ގާނޫނު އަސާސީއާ ހިލާފަށޭ. އަޅުގަނޑަށް އެކަން ތަރުޖަމާ ކުރެވޭނީ ސުޕްރީމް ކޯޓުން މި ބުނަނީއޭ ސިވިލް ކޯޓުގެ ހުކުމަށް ތަބާވީމަ އެއީ ގާނޫނު އަސާސީއާ ހިލާފް ކަމެކޭ. އަޅުގަނޑުގެ ދެކޭ ގޮތުގައި ސުޕްރީމް ކޯޓުން އެ އަމުރު ނެރެފައި އެ ވަނީ ގާނޫނާ ހިލާފަށް،" ގާނޫނު ކިޔަވައިދެއްވުމުގައި ވެސް އުޅުއްވާ އަލީ ހުސެއިން ވިދާޅުވި އެވެ. "އެކަމަކު ސިވިލް ކޯޓުގެ ހުކުމް އޯވާރޫލްކޮށްފައި އިލެކްޝަންސްގެ ނިންމުން ގާނޫނު އަސާސީއާ ހިލާފޭ ބުނެވިދާނެ. އޭރުން މައްސަލައެއް ނެތް."

އަނެއްކޮޅުން ސުޕްރީމް ކޯޓުން މި އަމުރު ނެރުނު ގޮތާމެދު ވެސް އެތަކެއް ޝައްކުތަކެއް އުފެދެ އެވެ. އެހެން މައްސަލަތަކާ ހިލާފަށް މި މައްސަލައިގައި އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ. މައްސަލަ ބެއްލެވީ ކިތައް ފަނޑިޔާރުން ކަމެއް ސާފެއް ނުވެ އެވެ. އަދި އައްޑޫއަށް ވެސް ނިސްބަތްވާ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި އިރު މައްސަލަ ބެއްލެވީ ކޮން ފަނޑިޔާރުންތަކެއް ކަމެއް ވެސް އެނގޭކަށް ނެތެވެ.

ކޮންމެއަކަސް މިހާރު އައްޑޫ ސިޓީ ކައުންސިލް އިންތިހާބު މިއޮތީ ބާއްވާ ނިންމައިފަ އެވެ. ރައީސް ވިދާޅުވާ ފަދައިން މި ވާހަކަ ނުދައްކައިފި ނަމަ، ކޯޓަށް ނުގޮސްފި ނަމަ، ނޫސްތަކުގައި ނުލިޔެފި ނަމަ އައްޑޫ އިންތިހާބު އަބަދުވެސް އޮންނާނީ ޝައްކެއްގެ ތެރޭގަ އެވެ. ކޮންމެވެސް ބޭފުޅަކު އެ މައްސަލަ އަލުން ކޯޓަށް ވައްދައިގެން ގޮތެއް ކަނޑައެޅިއްޖެއްޔާ އެއަށްވުރެ ރަނގަޅުވާނެ އެވެ.