ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް "ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ބޮޑެތި އިނާޔަތްތައް ދީފައިވާ" ރަށްތަކާ އެކު ރިސޯޓު ނަހަދައި ހުރި ރަށްތަކުގެ އެގްރިމެންޓް ބާތިލް ކުރި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ހައި ކޯޓުން މިއަދު ބާތިލު ކޮށްފި އެވެ.

ދައުލަތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ވަގުތީ އަމުރު ނުނެރެފިނަމަ ދައުވާ ކުރާ ފަރާތަށް ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކުރާފަދައިން، އަމުރު ނެރެފިނަމަ ދައުވާ ލިބޭ ފަރާތަށް ލިބިދާނެ ގެއްލުމަށް ވެސް ޝަރީއަތުން ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމޭގޮތަކުން، އެ އަމުރު ނެރުމުގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ނުވަތަ ހިމާޔަތްކުރެވޭނެ ގޮތަކާމެދު ސިވިލް ކޯޓުން ރިއާޔަތްކޮށްފައިވާކަން އެނެގެން ނެތް ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ވަގުތީ އަމުރު ނެރުމުން ހިމާޔަތްކުރެވޭ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑުގެ މަސްލަހަތަށްވުރެ، ދައުލަތުގެ މަސްލަހަތު ބޮޑުކަން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާނުން ވަނީ ކަނޑައަޅާފައެވެ.