އަދަން (ފެބްރުއަރީ 24) : ޔަމަންގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އަބްދުރައްބު މަންސޫރު ހާދީ ހުށަހެޅުއްވި ހުށަހެޅުއްވުން އަލުން އަނބުރައި ގެންދަވައިފި އެވެ.
ހާދީ އިސްތިއުފާ އަނބުރައި ގެންދެވީ އެކަމާބެހޭގޮތުން ޔަމަނުގެ ޕާލަމެންޓަށް ފޮނުއްވި ސިޓީފުޅެއް ގައެވެ. ހާދީ، ޕާލަމެންޓަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި މިދިޔަ ޖަނަވަރީ މަހު ރައީސްކަމުން އިސްތިއުފާ ދެއްވި ދެއްވުން އަނބުރައި ރުޖޫޢަ ކުރެއްވިކަން ބަޔާން ކުރައްވާފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ. ހާދީގެ އިސްތިއުފާއާމެދު ޔަމަންގެ ޕާލަމެންޓުން ވަކިގޮތެއް ނިންމާފައިނުވާއިރު ޔަމަންގެ ވެރިކަމުގެ ބާރުތައް މިހާރު ކޮންޓްރޯލްކުރާ ޙޫޘީ ޖަމާއަތުންވަނީ ޕާލަމެންޓް އުވާލައި ޔަމަންގެ ދަސްތޫރަށް އަމަލުކުރުން ހުއްޓާލުމަށް ފަހު އިންތިގާލީ ދަސްތޫރެއް އިއްލާންކޮށްފަ އެވެ.

ހާދީ ވަނީ ޙޫޘީންގެ އަތްދަށުގައި ހައްޔަރުގައި ހުންނެވުމަށްފަހު ސަލާމަތްވެ ވަޑައިގެން އޭނާގެ އުފަންރަށްކަމަށްވާ އަދަން އަށް މިދިޔަ ހޮނިހިރު ދުވަހު އެނބުރި ވަޑައިގެން ސިޔާސީ ހަރަކާތްތައް އަލުން ފައްޓަވައި ހޫޘީންނަށް ގޮންޖައްސަވަން ފައްޓަވާފައެވެ. މިގޮތުން ޙާދީވަނީ ޔަމަންގެ ސިޔާސީ 7 ޕާޓީއަކާ ގުޅިވަޑައިގެން ޙޫޘީންނާ ދެކޮޅަށް ތެދުވާނެކަން ވެސް އިޢްލާން ކުރައްވާފައެވެ. އަދި ޙޫޘީންނާއެކު ދައްކަމުން ގެންދިޔަ ސިޔާސީ ވާހަކަތައްވެސް އޭނާގެ ބާރުއޮތް ސަރަހައްދު ކަމަށްވާ އަދަންގައި ނޫނީ ކުރިޔަށް ނުގެންދިޔުމަށް ހާދީވަނީ ނިންމަވާފައެވެ. އަދި ޔަމަންގެ ސަރުކާރުގެ މުއައްސަސާތަކުންނާއި ވެރިރަށް ސަންޢާއިން ފޭބުމަށް ޙާދީވަނީ ޙޫޘީ ހަނގުރާމަވެރިންނަށް ގޮވާލައްވާފައެވެ. (އަލްޖަޒީރާ)