ލަންޑަން (ފެބްރުއަރީ 24) : މިދިޔަ ހަފްތާގައި މިސްރުން ލީބިޔާ އަށް ދިން ވައިގެ ޙަމަލާތަކުގައި ލީބިޔާގެ ކުށެއްނެތް އާންމުން މަރުވިކަން ކަށަވަރުވެފައިވާ ކަމަށާ އެހަމަލާތަކުގައި ހަނގުރާމަވެރިންނާއި އާންމުން ވަކިކޮށްފައިނުވުމަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މި ޖަމްޢިއްޔާ އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މިސްރުގެ ވައިގެ ޙަމަލާތަކުގައި ލީބިޔާގެ ދަރްނާ ސިޓީގެ އާންމުންގެ ހަތް މީހުން މަރުވެފައިވާ ކަމަށާ އެ ހަތް މީހުންގެ ތެރޭގައި މަންމައަކާއި އޭނާގެ ތިންކުދިން ހިމެނޭކަމުގަ އެވެ. ހަނގުރާމަވެރިންނާއި އާންމުން ވަކިނުކުރެވޭ ގޮތަށް ދޭ ކޮންމެ ޙަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްކަން ބައިނަލްއަގްވާމީ ގާނޫނުގައިވާ ކަމަށް ވެސް މި ރިޕޯޓް ބުނެ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓްގައި އދ. އަށް ގޮވާލާފައި ވަނީ މިސްރުން ލީބިޔާއަށް ދިން ވައިގެ ޙަމަލާތަކާބެހޭ ތަހްގީގެއް ހިންގައި އެކަމުގެ ޒިންމާ އުފުލަން ޖެހޭ މިސްރުގެ މަސްއޫލުވެރިންގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ވެސް އެމްނެސްޓީގެ ބަޔާން އދ. އަށް ގޮވާލަ އެވެ.

ދަރްނާއަށް ވައިގެ ޙަމަލާތައްދިނީ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފިން މިސްރުގެ 21 މީހަކު ވަގަށްނެގުމަށް ފަހު އެމީހުން ކަތިލައިގެން މަރާލި ޖަރީމާއަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް މިސްރުން ބުނެފައިވެ އެވެ. އަދި ވައިގެ ޙަމަލާތައް އަމާޒުކުރީ އައިއެސްގެ މަރުކަޒުތަކަށް ކަމަށާ މަދަނީ ތަންތަނަށްނޫންކަމަށް ވެސް މިސްރުން ބުނެފައިވެ އެވެ. (އަލްޖަޒީރާ)