24 Feb 2015, 01:49
އެމްޑީޕީ-ޖޭޕީ އިން މިރޭ މާލޭގައި ބޭއްވި މުޒާހަރާގައި ވެސް 10 މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސީގަލް ކަންމަތިން މިރޭ ފެށި މުޒާހަރާގައި، އެ ސަރަހައްދުން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އަދި މާ ގިނައިރުތަކެއް ނުވެ މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީންގެ ގެކޮޅާ ދިމާއަށް މިސްރާބު ބަދަލުކޮށްލާފައެވެ.
މިރޭގެ މުޒާހަރާގައި ގިނަ މީހުން ހައްޔަރުކޮށްފައި ވަނީ އަލިކިލެގެފާނު މަގު ޓްރެފިކް ލައިޓު ކައިރިންނެވެ. މުޒާހަރާގެ ބައިވެރިން މިރޭ ވަނީ، ފުލުހުންނާ ދިމާއަށް ބިސް އަދި ފިޔާ ފަދަ ތަކެތި އުކާފައެވެ.
މިރޭގެ މުޒާހަރާގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު މާބޮޑެތި ހަމަނުޖެހުންތަކެއް ނުހިނގައެވެ. މެންދަމު ބާރަ ޖެހުމާއި އެކު މުޒާހަރާގައި ބޭނުން ކުރަމުން ދިޔަ އަޑުގަދަ ކުރާ ބޭނުން ކުރުން ހުއްޓާލުމަށް ފުލުހުން އެންގުމުން މުޒާހަރާގެ ބައިވެރިން ކުޑަ ވަގުތުކޮޅެއް ދިނުމަށް އެދުނެވެ. އެހެންކަމުން ފުލުހުން ވަނީ "ކުޑަ" ވަގުތުކޮޅެއް މުޒާހަރާގެ ބައިވެރިންނަށް ދީފައެވެ.
އާދީއްތަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ވެސް ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި އަދި އަންހެނެއް ވެސް ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ ދެ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެމްޑީޕީ-ޖޭޕީ ގުޅިގެން އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ބައެއް ފަރާތްތައް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްޑީޕީން މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށާއި އެކަން ކުރުމަށް އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ "އިއްތިފާގުވެފައި" ކަމަށެވެ.