ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި، އެއްވެސް މުއްސަންޖެއްގެ އަތްދަށަށް މިގައުމު ނުދާނޭ ކަަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުވަތުދީގެން ޓީވީއެމް އިން މިރޭ ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މައުރޫފް ވިދާޅުވީ، މިގައުމް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ފަދަ ބޭފުޅެއްގެ އަތްދަށު ނުވާނެ ކަމަށެވެ.

"މިގައުމެއް ނުދާނެ ގާސިމް އިބްރާހިމްގެ އަތްދަށަކަށް. އަދި ދިވެހިރާއްޖޭގެ އެއްވެސް މުއްސަންޖެއްގެ އަތްދަށަކަށް. މިގައުމަކީ މިނިވަން ގައުމެއް. މިގައުމު އޮންނާނީ ވިޔަފާރިވެރިންނަށް ހުޅުވާލެވިފައި. ނަމަވެސް ވިޔަފާރިވެރިންގެ އަޅުންގެ ގޮތުގައި މި ގައުމެއް ނޯންނާނެ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އެހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވަނީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީ-ޖޭޕީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ގާސިމް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ "ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ" ކަމަށް އިބޫ ވިދާޅުވި އެވެ.

ފުލުހުން މެދުވެރިކޮށް ރައީސް ނަޝީދު މިއަދު ހަވީރު ޖަސްޓިސް ބިލްޑިންގަށް ވައްދަން އުޅުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަށް އިޝާރާތްކުރައްވާ މައުރޫފް ވިދާޅުވީ، މިހާތަނަށް އައިއިރުވެސް، ކުރީގެ ރައީސަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ނަޝީދަށް ދީފައިވާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ އިގްތިސާދު ހަލާކުކޮށް، ދީނީ އެއްބައިވަންތަކަން ނަގައިލާފަދަ ވާހަކަފުޅުތަކެއް އެމަނިކުފާނު ދައްކަވަމުން ގެންދަވާތީ، މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުންވެސް ރައީސް ނަޝީދަށް އެ ހިމާޔަތާއި ރައްކާތެރިކަން ދެއްވަން ބޭނުން ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ނަޝީދު ބޭނުންވަނީ "ދުނިޔެއަށް ފޮޓޯއެއް" ފޮނުވާލަން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ހުސައިން މަނިކު ވެސް ވިދާޅުވީ، "ރައީސް ނަޝީދު ބޭނުންވަނީ ފޮޓޯއެއް ނަގަން. އެއީ ނަޝީދު އާއްމުކޮށް ކުރައްވާ ކަމެއް. އެކަން ދިވެހި ރައްޔިތުން ދަސްކުރަންވެއްޖެ،" ކަމަށެވެ.

އެގޮތުން މިއަދު ކޯޓަށް ހާޒިރު ކުރުމުގައި ރައީސް ނަޝީދު ކުޅުއްވި "ޑްރާމާ" ބަލާނެކަމަށް ނިހާން ވިދާޅުވި އެވެ.

މީގެ އިތުރުން، ގާނޫނު އަސާސީ ހިމާޔަތްކުރަންކަމަށް ބުނެ އެމްޑީޕީ-ޖޭޕީ ގުޅިގެން މާލޭގައި މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކަކީ މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފުވެގެން ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ.

" އެ މުޒާހަރާތައް އެ ކުރަނީ، ރައީސް ޔާމީން ގާނޫނާއި އެއްގޮތަށް މިކަންތައް ގެންދަވައި ތަރައްގީގެ އާ މަރުހަލާއަކަށް ކަޑަތުކުރުމަށް ދަތުރުކުރަމުންދާކަން ޔަގީން ކަން ލިބި އެކަމާއި ކެތް ނުވެގެން،" ނިހާން ވިދާޅުވި އެވެ.