އިންސާނުންގެ ތެރޭގައި ހިލާފުވުންތައް އުފެދި، ބޮޑެތި މައްސަލަތައް ފެންމަތިވެ ހަގުރާމައަށް ބަދަލުވެގެންދަނީ "މަވެތި" ޝުއޫރުތައް މީހުންގެ ހިތްތަކުގައި އުފެދުމުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދުމީލާދީ ފާހަގަ ކުރުމަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާއެއްގައި "އީމާންކަން ގަދަވާނީ ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލް ކުރުމުން" އެ މަޟޫގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުންނާއި، އެކަލޭގެ ފާނުގެ ޝިޔަރަތުން ދަލީލު ދައްކަވުން ރައީސް މައުމޫން ވިދާޅުވީ އިންސާނުގެ ތެރޭގައި މަސްލަހަތު ގެއްލިގެންދަނީ މަވެތި ޝުރޫރުތައް ނުވަތަ އަމިއްލަ މަސްލަހަތު އިސްކުރުމުން ކަމަށެވެ.

"މަވެތި ކަމަކީ ވަރަށް ނުރަގަނޅު ސިފައެއް. އިންސާނުންގެ ތެރޭގައި އުފެދޭ ހިލާފުވުންތަކަށް ވިސްނާލާފިއްޔާ، ޖެހޭ ބޮޑެތި މައްސަލަތަކަށް ވިސްނާލައިފިއްޔާ، އެއީ އާއިލާގެ ތެރޭގައި ފެށޭ ކުޑަކުޑަ ކަމަކަށް ވިޔަސް، ނުވަތަ ބޮޑުވަމުން ބޮޑުވަމުން ގޮސް ގައުމުތަކުގައި ކުރެވޭ ހަގުރާމައަކަށް ވިޔަސް އޭގެ އަސްލަކީ މަވެތި ކަމުގެ ޝުއޫރު."

އެމަނިކުފާނު ވިދާޅުވީ މަވެތި ޝުއޫރު ނުވަތަ އަމިއްލަ މަސްލަތު އިސްނޮކޮށް އަނެކާގެ މަސްލަހަތަށް ވިސްނައިގެން އަމަލު ކުރުމަކީ އަޅުގަނޑުމެންގެ ލާޒިމްކަމެއް ކަމަށެވެ. އަދި އެއީ އަޅުގަނޑުމެންގެ ރަސޫލާ މުހައްމަދުގެފާނު އަޅުގަނޑުމެންނަށް ދައްކައިދިން ރިވެތި މިސާލު ކަމަށް ވެސް ވިދާޅުވި އެވެ.

އީމާންކަން ހިތުގައި ވަރުގަދަވަނީ ދީނުގައިވާ ކަންތައްތައް ހިތުގެ އަޑިން ހަމައެކަނި ގަބޫލުކޮށްގެން ނޫން ކަމަށް ވިދާޅުވެ، ރައީސް މައުމޫން ވިދާޅުވީ އީމާންކަން ވަރުގަދަވަނީ ދީނުގައިވާ ކަންތައްތައް ގަބޫލުކޮށް، އަމަލީ ގޮތުން އެކަންކޮށްގެން ކަމަށެވެ.

"ހިތަށް އަރުވާލަންވީކީ ނޫން. މާތްﷲ ވޮޑިގެންވޭ، އެކަލާންގެ އެއްކައުވަންތައޭ، އާހިރަތް ދުވަސް އަންނާނެއޭ. އަގީދާވީމަ ހިތުގައި އެކަންތައް ގަބޫލުކުރަންޖެހޭނެ. އެހެންނަމަވެސް އަމަލީ ގޮތުން އަމިއްލައަށް އަމިއްލަ ހަޔާތުގައި ކޮންމެ ކަމެއްގައި ކޮންމެ ވަގުތެއްގައި ދީނުގައިވާ ކަންތައްތައް ބަލައިގެން އަމަލު ކުރުމުން ހިތަށް ވަންނަ އީމާންކަން ވަރުގަދަވާނެ."

ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަ ކުރުމަށް މައުމޫން ފައުންޑޭޝަނުން ރޭ ޖަލްސާއެއް ބޭއްވެވި އިރު، މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ދިވެހިންގެ ދީނީ އަގީދާ ވަރުގަދަ ކުރުމަށްޓަކައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ދީނީ ދަރުސްތަކެއް ބާއްވާފައި އެވެ.

ރޭގެ ޖަލްސާގައި ކުރީގެ ސަރުކާރުގެ ވަޒީރުންނާއި ޑީއާރުޕީގެ އިސް ވެރިންނާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުނާއި ގިނަ އަދަދެއްގެ ރައްޔިތުން ރައީސް މައުމޫނުގެ ދަރުސް އަޑު އެހުމަށް އިސްލާމީ މަރުކަރުގެ ޖަލްސާ ކުރުމަށް މާލަމަށް ދިޔަ އެވެ.