އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ޕީޕީއެމްގެ ކައުންސިލުން މަޝްވަރާ ވެސް ކޮށްފައިވާ ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓެލެވިޒަން މޯލްޑިވްސް ( ޓީވީއެމް)ގެ " ރާއްޖެ މިއަދު ޕްރޮގްރާމް"ގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، އެއީ ގައުމު ހަލަބޮލިކަމަކަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނޫން ކަމަށެވެ.

"... ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ގާސިމް އިބުރާހީމް 65 އަހަރު އަނެއްކާވެސް. އަޅުގަނޑުމެންނާ އަދި މަޝްވަރާވެސް ކުރެވިފައި އޮތް ކަމެއްނޫން. އަޅުގަނޑުމެން ޕާޓީ ކައުންސިލުގައި ވާހަކަވެސް ދެއްކިފައި އޮތް ކަމެއް ނޫން،" އަދީބު ވިދާޅުވި އެވެ.

މީގެ ކުރިން ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވެސް އަދީބު ވަނީ އުމުރުން 65 އަހަރު ނުފުރޭ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް މަޖިލީހުން ފާސް ކުރުމަކީ އަދި ޕީޕީއެމުން މަޝްވަރާ ކުރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެރޭ ވިދާޅުވީ މަޖިލީސް ހުޅުވުމުން އެކަމާ މަޝްވަރާ ކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.