23 Feb 2015, 23:47
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ-ޖޭޕީ އިން ހޯދާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑިޕީގެ އިސް ލީޑަރުން މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ، ސިޔާސީ ކަންތައްތަކުގައި މަޖިލީހުގެ މެޖޯރިޓީ އަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެއް ކަމަށެވެ.
އިބޫ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީ-ޖޭޕީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ގާސިމް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ "ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ" ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ހުރިހާ މަޖިލިސް މެމްބަރުންނަށް އިލްތިމާސްކޮށް ދަންނަވާލަން އެބައޮތޭ ތިބޭފުޅުންނަށް ފުރުސަތު. އެއްގޮަތަކީ އެމްޑީޕީއާ ގުޅިވަޑައިގަތުން އަނެއް ގޮތަކީ ޖޭޕީއާ ގުޅިވަޑައިގަތުން. އަނެއް ގޮަތަކީ ގާނޫނު އަސާސީގެ ދިފާއުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ނުކުމެވަޑައިގަތުން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މިހާރުވެސް ދިހަވަރަކަށް ފަނަރަ ވަރަކަށް މެމްބަރުން އެމްޑީޕީ-ޖޭޕީއާ އެކު ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރަމުން ގެންދަވާ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކުން "ފެހި ސިގްނަލް" ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީ އިން މި މަހުގެ 27 ގައި ނުކުންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ހައްޔަރު ކުރައްވާފައި ބެހެއްޓި ނަމަވެސް އެކަން އެއޮތް ގޮތަށް "ބާރަށް ކުރިއަށް" ގެންދަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މިހާރު މިހަނގަމުންދާ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ދައުވަތު ދީފިނަމަ މަޝްވަރާ ކުރުމަށް ވެސް އެމްޑީޕީ އިން ތިބީ ތައްޔާރަށް ކަމަށެވެ.
"އެއްވެސް އިރަކު އަޅުގަނޑުމެން ނުދަންނަވަން އެ ދުވަހަކުއެއް ވެރިކަން ބަދަލުކުރާ ވާހަކައެއް. އަޅުގަނޑުމެން އަބަދުވެސް މިދަންނަވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރާނަމޭ. ކޯނީ ރިޕޯޓުގައި ބުނަނީ ފެބްރުއަރީ ހަތަކީ ސަރުކާރެއް ހަމަ މަގަށް އެޅުވުމަށް ނުކުންނެވި ދުވަހެއް. އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި މިއަދު ރާއްޖޭގައި އެ ހާލަތް އުފެދިގެން އައިސްފި،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަންބޮޑުވެވަޑައި ގަންނަވާ ކަމަށެވެ. އަދި އާންމު ރައްޔިތުންނާއި ދޭތެރޭ ވެސް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެމްޑީޕީ އަބަދުވެސް ކުރިއަށް ދާނީ ރައީސް ނަޝީދާއި އެކު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.