އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ތަރައްގީގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކުރެހުންތައް ނިމިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުހައްމަދު ސައީދު މިރޭ 'ސަން'އަށް ވިދާޅުވީ، އައިއެންއައިއޭގެ ޑިޒައިންގެ ހުރިހާ ކުރެހުމެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ތަރައްގީގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ވިދާޅުވި އެވެ.

"ޑީޓެއިލް ކުރެހިންތައް ވަނީ ނިމިފަ. ޑިވެލޮޕްމަންޓުގެ މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އޭނާވިދާޅުވީ، ބޮޑު ތަރައްގީގެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހޯދުމަށް އެޑްވާންސް ލެވަލްއެއްގައި ޖަޕާނާއި ޗައިނާއާއެކު ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ސައީދު ކުރިން ވިދާޅުވެފައި ވަނީ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އައިއެންއައިއޭއަކީ ތަރައްގީވެފައިވާ ރީތި އެއާޕޯޓަކަށް ހެދިގެންދާނެ ކަމަށެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ ފަސް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށާއި އޭގެ ތެރޭގައި ދެވަނަ ރަންވޭ އާއި ތެޔޮ ފާމުގެ އިތުރުން ޓާމިނަލް އެތައް ގުނައަކަށް ބޮޑުކުރުން ހިމެނޭ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި އެ މަޝްރޫއަކީ 700 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ވެސް ވިދާޅުވި އެވެ.