ސިޔާސީ ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ބޮޑެތި އަދަދުން ފައިސާ ހުށަހަޅައިގެން ކަންތައްތައް ކުރުވަން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިހާރަކަށް އައިސް ފުލުހުންނަށް ސިޔާސީ ފަރާތްތަކުން ބޮޑެތި އަދަދުން ފައިސާ ހުށަހަޅަމުންދާ ކަމަށާއި އެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"ބައެއް ސިޔާސީ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ގުޅައި ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ފުލުހުން ލައްވައި އެކިކަހަލަ ކަންކަން ކުރުވަން މަސައްކަތްކުރަމުންދޭ ...އަދި ފުލުހުންގެ އިދާރާގައި ހުރި ބައެއް މައްސަލަތަކުގެ މައުލޫމާތު ހޯދުމަށް ވަކިވަކި ފުލުހުން މެދުވެރިކޮށްދަނީ މަސައްކަތްކުރަމުން،" ހަމްދޫން ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަދު ދެ ފުލުހަކަށް އާއްމުންގެ ބަޔަކު އަނިޔާކޮށްފައިވާ ކަމަށް އިޝާރާތްކުރައްވައި ހަމްދޫން ވިދާޅުވީ، މަގުމަތިން ފުލުހުންނާ ދިމާކޮށް ފުލުހުން ހުއްޓުވައި ގަސްތުގައި އަނިޔާކުރަމުންދާ ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ވާހަކަދައްކަވާ ބައެއް ސިޔާސީ ބޭފުޅުން ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލަން، ފުލުހުން ތިބީ އެބޭފުޅުންނާއި ގުޅިގެން ކަމަށް ވާހަކަ ފަތުރަމުންދާ ކަމަށެވެ.

"ފުލުހުންގެ ގުޅިފައިވާ ސަފުތައް ބަދަހިކަން ކަނޑުވާލައި ފުލުހުން ބައިބައި ކުރުމަށް ކުރާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް. އަދި އެފަދަ އަމަލުތައް ހުއްޓާލަން ދަންނަވަން. ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ފުލުހުންގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް،" ހަމްދޫން ވިދާޅުވި އެވެ.

ބައެއް ސިޔާސީ ބޭފުޅުންގެ ގޭގެއަށް މަސްތުވާތަކެތި ވައްދައިގެން ފްރޭމް ކުރައްވަން އުޅޭ ކަމުގެ ތުހުމަތުތަކެއް ފުލުހުންނަށް މަތިކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، "މިހާތަނަށް ފުލުހުންގެ އޮޕަރޭޝަނެއްގައި މިފަދަ އެއްވެސް އަމަލެއް ހިނގާފައި ނުވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ފުލުހުން ނުކުރާނެ ކަމުގެ ޔަގީންކަންދެން،" ކަމަށް ހަމްދޫން ވިދާޅުވި އެވެ.