ޓެލްއަވީވް (ފެބްރުއަރީ 23): އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ މަރުކާގެ ފައިޓާޖެޓް ކަމަށްވާ އެފް-35ގެ 14 މަތިންދާބޯޓު ގަތުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިއްޖެކަން އިސްރާއީލުން ހާމަކޮށްފި އެވެ.

އިސްރާއީލުގެ ދިފާއީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފް-35ގެ 14 މަތިންދާބޯޓު ގަތުމަށް 3 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށާއި މީގެތެރެއިން ދެބައިކުޅަ އެއްބައި ފައިސާ އެމެރިކާގެ ހިލޭއެހީގެ ދަށުން ލިބޭއިރު އަނެއްބައި އަދާކުރާނީ އެމެރިކާއިން ދޭ ލުއިލޯނެއްގެ ދަށުންކަމުގައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޕެންޓަގަންގެ އިސްމަސްއޫލުވެރިއެއްކަމަށްވާ އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ފްރަންކް ކިންޑާލް ވިދާޅުވީ، އިސްރާއީލަށް ވިއްކުމަށް އެއްބަސްވެފައިވާ އެފް-35 މަރުކާގެ އެއްވެސް މަތިންދާބޯޓެއް ކައިރި މުސްތަގްބަލެއްގައި ގަލްފުގެ އަރަބި އެއްވެސް ގައުމަކަށް އެމެރިކާއިން ނުވިއްކާނެ ކަމުގައެވެ.

ގަލްފުގެ އަރަބި ގައުމުތަކަކީ އެމެރިކާއިން އެންމެ ގިނަ އަދަދަކަށް ހަތިޔާރު ގަންނަ ގައުމުތަކެވެ. އެގައުމުތަކުން އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު އެމެރިކާއިން ނުގަންނަނަމަ އެމެރިކާގެ ހަތިޔާރުގެ އިންޑަސްޓްރީ އިނދަޖެހުން ގާތްކަމަށް މުހައްލިލުން ވިދާޅުވެފައިވެއެވެ. ނަމަވެސް އެމެރިކާއިން ގަލްފުގެ އަރަބި ގައުމުތަކަށް ވިއްކަނީ އިސްރާއީލަށް ވިއްކާ ވަރަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ދަށް ހަތިޔާރެވެ. ނޫނީ އިސްރާއީލަށް ވިއްކާ ވަރަށްވުރެ ބައު ހަތިޔާރެވެ.

އެމެރިކާގެ މެދުއިރުމަތީ ސިޔާސަތު ބިނާވެގެންވަނީ އިސްރާއީލާ އަސްކަރީގޮތުން ވާދަކުރެވޭވަރުގެ އެއްވެސް އަރަބި އިސްލާމީ ގައުމެއް މެދުއިރުމަތީގައި އުފެދުމުގެ ފުރްސަތު ނުދިނުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)