23 Feb 2015, 22:11
ގާހިރާ (ފެބްރުއަރީ 23): ލީބިޔާގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކުގެ ތެރެއިން ތޭރަ މަރުކަޒަކަށް މިސްރުން ވައިގެ ޙަމަލާތައް ދީފައިވާނެކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ވިދާޅުވެއްޖެ އެވެ.
މިސްރުގެ ރޭޑިޔޯއާއި ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ސީސީ ވިދާޅުވީ، މިސްރުން ލީބިޔާގެ އާންމުންނަށް އަމާޒުކޮށް އެއްވެސް ޙަމަލާއެއް ދީފައިނުވާނެ ކަމުގައެވެ. އަދި މިސްރުން ވައިގެ ހަމަލާތައް ދީފައިވާ ތޭރަ ތަނަކީ އައިއެސްގެ މަރުކަޒުތައްކަން ކަށަވަރުކޮށްފައިވާ ތަންތަން ކަމަށްވެސް ސީސީ ވިދާޅުވިއެވެ.
މިސްރުން ލީބިޔާއަށް ވައިގެ ހަމަލާތައް ދީފައިވަނީ ލީބިޔާގައިވާ އައިއެސްގެ ގޮފިން ވަގަށްނަގާފައިވާ މިސްރުގެ 21 މީހުން ކަތިލައިގެން މެރި މަންޒަރު ދައްކައިދޭ ވީޑީޔޯއެއް މިދިޔަ ހަފްތާގައި އައިއެސް އިން ޝާއިޢުކުރުމާ ގުޅިގެންނެވެ.
މިސްރުގެ ވައިގެ ސިފައިން ހަމަލާތައް އަމާޒުކޮށްފައިވާ ގިނަ ތަންތަން ހުރީ މިސްރުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ލީބިޔާގެ ސިޓީއެއްކަމަށްވާ ދަރްނާގައެވެ. ދަރްނާގެ އެޕާޓްމަންޓް އިމާރާތްތަކަކަށް މިސްރުން ދިން ހަމަލާތަކެއްގައި ލީބިޔާގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް އެތައްބަޔަކު މަރުވެފައިވާކަން ލީބިޔާއިން ކަށަވަރުކޮށްދީފައިވެއެވެ. މިމައްސަލާގައި ލީބިޔާގެ ބައެއް ލީޑަރުންވަނީ އައިއެސް އެކޭ އެއްގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު މިސްރުގެ މައްޗަށްކޮށްފައެވެ.
މީގެއިތުރުން ލީބިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތްކަމުގެ ތުހުމަތުވެސް ލިބިޔާގެ ބައެއް ލީޑަރުން މިސްރުގެ މައްޗަށް ކުރައްވާފައިވެއެވެ. ނަމަވެސް ލީބިޔާގެ އަނެއްބައި ލީޑަރުންވަނީ މިސްރުގެ ހަމަލާތަކަކީ އައިއެސްއަށް ދިން ހަމަލާތަކެއް ކަމަށްވާތީ ލީބިޔާގެ އާންމުންގެ ފުރާނައަށް ލިބުނު ގެއްލުމަށް ބައްލަވާނުލައްވައި މިސްރުގެ ހަމަލާތަކަށް ތާއީދު ކުރައްވާފައެވެ.
މިސްރަކީ ލީބިޔާގެ ވާދަވެރި ސިޔާސީ ދެ ފަރާތުގެ ތެރެއިން އެއްފަރާތަކަށް ޖެހި އެފަރާތަށް ތާއީދުކުރާ ގައުމެކެވެ.
ސީސީގެ ވާހަކަފުޅުގައި އައިއެސްއާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކާ ކުރިމަތިލުމަށް އަރަބި ގުޅިފައިވާ ލަޝްކަރެއް އުފެއްދުމަށް އޭނާ ކުރިން ގޮވާލެއްވި ގޮވާލެއްވުން ތަކުރާރު ކުރެއްވިއެވެ. އަދި އޭނާގެ ގޮވާލެއްވުމަށް އިޖާބަ ދޭނެކަމުގެ އިޝާރާތްތަކެއް ސައޫދީ އަރަބިޔާއާއި ޔޫއޭއީން ދީފައިވާކަމަށްވެސް ސީސީ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)