ރާއްޖޭގައި މިހާރު އުފެދިގެން އުޅޭ މައްސަލަތައް ގާނޫނު އަސާސީގެ އިމުގެ ތެރެއިން ހައްލު ކުރުމަށް އިންޑިއާ ސަރުކާރުން ގޮވާލައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ސައްޔިދު އަކުބަރުއްދީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަސްރަހު ފިނިކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވައިލާ ކަމަށެވެ.

"...ކަމާ ގުޅޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން ގޮވައިލަނީ މަސްރަހު ފިނިކުރުމަށާއި ގާނޫނުއަސާސީގެ އޮނިގަނޑުގެ ތެރެއިން މައްސަލަތައް ހައްލު ކުރުމަށެވެ،" ބަޔާނުގައި ވެއެވެ.

އިންޑިއާއިން ބަޔާން ނެރުނީ މިހާރު ރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތަކާ ބެހޭ ގޮތުން މީޑިއާއިން ކުރިމަތިކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާއި މެދު ކަންބޮޑުވާ ކަމަށެވެ. ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއި އެމަނިކުފާނާމެދު ހަރުކަށިކޮށް އަމަލުކުރުން ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

"... ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކާއި މެދު އަޅުގަނޑުމެން މިތިބީ ކަންބޮޑުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށް ހަރުކަށިކޮށް އަމަލު ކުރުން ހިމެނެއެވެ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިޝާރާތްކޮށްފައި އެވަނީ ރައީސް ނަޝީދު ކޯޓަށް ހާޒިރުކުމުގެ ތެރޭގައި މިއަދު ހިނގައި ދިޔަ ކަންތައްތަކަށް ކަމަށް ބެވެލެވެއެވެ.