23 Feb 2015, 21:19
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާ އެކު ތޮލްހަތު ވިދާޅުވީ އެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޮލްހަތު އެގޮތަށް އެދިވަޑައިގަތުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުﷲ ދީދީ ވަނީ ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް ތޮލްހަތަށް ދެއްވިކަން އޭނާއަށް އަންގަވާފައެވެ.
ތޮލްހަތުގެ މައްޗަށް ދައުވާ އިއްވަވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ، ތޮލްހަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ އަށްވަނަ ދުވަހުގެ ނިޔަލަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓުމުގެ ކަންތައް ރާވައި ހިންގާފައިވާތީ ކަމަށެވެ.
ތޮލްހަތާއި ރައީސް ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑު މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ކާނަލް ރިޓަޔާޑު މުހައްމަދު ޒިޔާދުގެ މައްޗަށެވެ.