10 Apr 2010, 12:09
ހއ. ކެލާ ކައުންސިލަރ އެރަށު އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަހްލާދީ އަމަލް ހިންގަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުޤީޤްކުރަން ފަށައިފި އެވެ.
ކެލާގައި ދިރިއުޅޭ އެ އަންހެން ކުއްޖާގެ ބޭބެއެއް ބުނިގޮތުގައި ކައުންސިލަރ ހަސަން ހަމީދު އެ އަމަލް ހިންގަވަން މަސައްކަތްކުރައްވާފައި ވަނީ އޭނާގެ ކޮއްކޮގެ ހަވާލުގައި ހުރި ލިޔެކިތުންތަކެއް ހޯދުމަށް ކައުންސިލަރ އޭނާގެ ކޮއްކޮގެ ކިބައިން އެދިވަޑައިގެންފައިވާ އެދުމުގެ މަތިން އެ ލިޔެކިޔުންތައް ބަލާ ހަވީރު އެގެއަށް ވަޑައިގަތުމަށް އޭނާގެ ކޮއްކޮ ބުނެފައިވަނިކޮށް އިއްޔެ ރޭގެ ވަގުތެއްގައި އެ ގެއަށް ކައުންސިލަރ ވަޑައިގެން ކަމަށެވެ. އެގޮތުން ކައުންސިލަރ އެގެއަށް ވަޑައިގެން ގޭގައި އެއްވެސް މީހަކު އުޅޭތޯ ބެއްލެވުމަށްފަހު، އޭނާގެ ކޮއްކޮގެ އަތުގައި ގަދަކަމުން ހިއްޕެވުމުން ކޮއްކޮ އެކަމާ ނުރުހިގެން އެކަމާ އިންކާރުކުރުމުން، ކައުންސިލަރ ކޮއްކޮ ގަދަކަމުން ހިފެހެއްޓެވުމުގެ ތެރޭގައި ކޮއްކޮ ލައިގެން ހުރި ހެދުންވެސް ވީދައިގެން ގޮސްފައިވާ ކަމަށް އެމީހާ ބުންޏެވެ. އަދި އެވަގުތު ކޮއްކޮ ހަޅޭލަވައިގަތުމުން ކައުންސިލަރ ދުވެފައި ނުކުންނެވީ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
މި މައްސަލައާ ގުޅިގެން ކެލާ ކައުންސިލަރ ހަސަން ހަމީދު މިއަދު ވިދާޅުވީ ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ އެގެއަށް ވަޑައިގެން ނަމަވެސް އެފަދަ އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ ދެކެވޭ އެ ވާހަކަތަކީ ކަނޑައެޅިގެން ބަޔަކު އޭނާގެ ބޮލުގައި އިލްޒާމްތަކެއް އެޅުވުމަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ ރިޕޯޓެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައާ ގުޅިގެން ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރަމުން އަންނަ ކަމަށެވެ.
ކެލާ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ މައްސަލާގައި އެއަންހެން ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.