ރައީސް ނަޝީދުގެ އަތްޕުޅު ބިންދައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ފުލުހުން ދޮގުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ބަޔާނެއް އިއްވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިއަދު ރައީސް ނަޝީދު ކޯޓަށް ގެންނެވުމުން ބައެއް މީޑިއާތަކުން ރައީސް ނަޝީދާ ސުވާލުކުރަން މަސައްކަތްކުރެއްވި ކަމަށެވެ. އަދި އެއަށްފަހު "އެމަނިކުފާނު ކޯޓަށް ވެދެވަޑައިގަތުމާއި ދެކޮޅު ހައްދަވައި އަމިއްލަ ފުޅަށް ވެއްޓިވަޑައިގަނެ ގަދަ ދައްކަވަން ފެއްޓެވި" ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރައްކާތެރިކަމާއިއެކު ފުލުހުން އެމަނިކުފާނު ކޯޓުތެރެއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ކޯޓުތެރެއަށް ވެއްދުމަށް އެމަނިކުފާނަށް ފުލުހުން ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރެއްވި އެވެ.

"ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ އެމަނިކުފާނުގެ އަތް ޕުޅު ބިނދުނުކަމަށާއި ބައެއް އިނގިލި ބިދުނުކަމަށް. ދަންނަވާލަން ބޭނުންވަނީ އެފަދަ އަނިޔާއެއް އެމަނިކުފާނަށް ލިބިފައިނުވާކަން،" ހަމްދޫން ވިދާޅުވި އެވެ.

މީގެ އިތުރުން ފުލުހުންގެ މެޑިކަލް ޓީމުން މިހާރު ރައީސް ނަޝީދު ބައްލަވާފައިވާ ކަމަށާއި އިތުރު ފަރުވާ އެއް ކުރަންޖެހިއްޖެނަމަ ގެންދަންޖެހޭ އުސޫލުގެ ތެރެއިން އެކަން ގެންދަވާނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު ގަދަ ދައްކަވައި އަމިއްލަ ފުޅަށް ވެއްޓިވަޑައިގަތުމުން ފުލުހުން އެމަނިކުފާނު ނަގައިގަނެގެން ކޯޓުތެރެއަށް ވެއްދުމަށް މަސައްކަތްކުރެއްވި ވަގުތުގައި ބައެއް މީޑިއާތަކުގެ ސަބަބުން ފުލުހުންނަށް ދަތިތަކާއި ކުރިމަތިވި ކަމަށެވެ.

ފުލުހުން މެދުވެރިކޮށް ރައީސް ނަޝީދު މިއަދު ޖަސްޓިސް ބިލްޑިންގަށް ވައްދަން އުޅެނިކޮށް ރާއްޖެ ޓީވީން އެމަނިކުފާނާ އިންޓަވިއުކުރަން މައިކު ދިއްކޮށްލުމުން ފުލުހުން ވަނީ އެއީ މަނާކަމެއްކަން އަންގާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ އެތެރެއަށް ވަދެވަޑައިނުގަތުމަށް "ގަދަދައްކަވައި އަޑުފުޅު ގަދަކުރައްވައިިފަ" އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު 4:00 ގައި ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ފަށާފައި ވަނީ 4:35 އެހައިކަންހާއިރު އެވެ. ފުލުހުންގެ ބެލުމުގެދަށުން ޝަރީއަތްކުރާ ކޮޓަރިއަށް ރައީސް ނަޝީދު ވަދެވަޑައިގަތީ ކޮރުޖައްސަވަމުން ނެވެ. އެއިރު އެމަނިކުފާނުގެ ގަމީހުގެ އެކި ތަންތަން ވީދިފައިވާ އިރު، އަތްބިންދައިގެން ގޮސްފައި ތިބޭ މީހުން ތިބޭގޮތަށް އެމަނިކުފާނުގެ ކަނާތްޕުޅު ވަނީ، ޓައީއާއި ޓީޝާޓެއްބޭނުން ކުރައްވައިގެން ކޮނޑުފުޅުގައި އައްސަވާފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާ އެކު ރައީސް ނަޝީދު ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވަން ބޭނުންފުޅުވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

"ގާނޫނީ ވަކީލެއްގެ އެހީތެރިކަން އަދި ޑޮކްޓަރަށް ވެސް ދެއްކިގެން ޖަވާބުދާރީވެވެން އޮތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއާއެކު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވަނީ ވަކީލަކު ހަމަޖެއްސުމަށާއި މައްސަލައަށް ތައްޔާރުވުމަށް ތިން ދުވަހުގެ ފުރުސަތެއް ދެއްވިކަން ރައީސް ނަޝީދަށް އަންގަވާފައެވެ.