23 Feb 2015, 20:25
ގައުމު ހަލަބޮލިކޮށް އަމާންކަން ގެއްލުވައިލަން މަގުތަކަށް ނުކުންނަނީ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތައް ފެނި، އެކަންކަން ގަބޫލުކުރަން ބޭނުން ނުވާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ގައުމު ހަލަބޮލިކޮށް އަމާންކަން ގެއްލުވާލަން ބަޔަކު މީހުން މަސައްކަތް ކުރަނީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތައް އެމީހުންނަށް ފެނުނު ނަމަވެސް އެކަން ގަބޫލު ނުކުރެވޭތީ ކަމަށެވެ.
ރައްޔިތުންގެ ފަސޭހައަށްޓަކައި އަދި ގައުމުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަށް "ވަރަށް ސާފުކޮށް" ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތްތައް ނިމުމުން ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ހުރިހާކަމެއް ހާސިލްވެގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީން މިހާރުވެސް 3.16 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށާއި އޭގެ ތެރޭގައި މަގުހެދުމާއި ބަނދަރުހެދުން އަދި ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް ހިމެނޭ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ވަރަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެތިންމަސް ދުވަސް ތެރޭގައި ރައީސް ޔާމީންގެ ވިސްނުންފުޅުގެ ދަށުން ކުރިއަށް ގެންދެވިފައިވާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގެކުރިން އެއްވެސް އިރެއްގަ އެއްވެސް ތާރީހެއްގަ މިހާގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެއްވެސް ތަނެއްގައި ފެށިގެން ގޮސްފައި ނުވާނެ. މިހާގިނަ މަސައްކަތްތަކެއް ސަރުކާރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށް މިދަނީ ހަމަ ވޭތުވެދިޔަ އަހަރުގެ ތެރޭގައި،" މުއިއްޒު ވިދާޅުވި އެވެ.