23 Feb 2015, 20:05
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށާއި ދައުވާއަށް ޖަވާބުދާރީވުމަށް ތިން ދުވަހުގެ ފުރުސަތެއް ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމާ އެކު ރައީސް ނަޝީދު ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވަން ބޭނުންފުޅުވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
"ގާނޫނީ ވަކީލެއްގެ އެހީތެރިކަން އަދި ޑޮކްޓަރަށް ވެސް ދެއްކިގެން ޖަވާބުދާރީވެވެން އޮތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެއާއެކު ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވަނީ ވަކީލަކު ހަމަޖެއްސުމަށާއި މައްސަލައަށް ތައްޔާރުވުމަށް ތިން ދުވަހުގެ ފުރުސަތެއް ދެއްވިކަން ރައީސް ނަޝީދަށް އަންގަވާފައެވެ.
ދައުވާ އިއްވަވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އެންގުމުން ސިފައިން އަބްދުﷲ ގާޒީ ގަދަކަމުން ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސްފައިވާތީ ކަމަށެވެ.
އެ ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
މިއަދު ހަވީރު 4:00 ގައި ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ފަށާފައި ވަނީ 4:35 އެހައިކަންހާއިރު އެވެ. ފުލުހުންގެ ބެލުމުގެދަށުން ޝަރީއަތްކުރާ ކޮޓަރިއަށް ރައީސް ނަޝީދު ވަދެވަޑައިގަތީ ކޮރުޖައްސަވަމުން ނެވެ. އެއިރު އެމަނިކުފާނުގެ ގަމީހުގެ އެކި ތަންތަން ވީދިފައިވާ އިރު، އަތްބިންދައިގެން ގޮސްފައި ތިބޭ މީހުން ތިބޭގޮތަށް އެމަނިކުފާނުގެ ކަނާތްޕުޅު ވަނީ، ޓައީއާއި ޓީޝާޓެއްބޭނުން ކުރައްވައިގެން ކޮނޑުފުޅުގައި އައްސަވާފައެވެ.
ޝަރީއަތަށް ވެއްދުމާއެކު ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމަށް ޖަސްޓިސް ބިލްޑިންގަށް ގެނައިވަގުތު ފުލުހުން އެމަނިކުފާނު ވައްޓާލުމުން އަތްޕުޅު ބިނދިފައިވާ ކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމާ އެކު ފުލުހަކާ ވާހަކަދެއްކެވުމަށްފަހު ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ، އެމަނިކުފާނު އަމިއްލަފުޅަށް ވެއްޓިވަޑައިގަތީ ކަމަށެވެ.
ގާޒީ އެހެން ވިދާޅުވުމުން، ރައީސް ނަޝީދު ވަނީ އެހެން ވިދާޅުވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށްތޯ ވިދާޅުވެ ގާޒީއާ ސުވާލުކުރައްވާފައެވެ.
ޖަސްޓިސް ބިލްޑިންގަށް ވައްދާފައި ވަނިކޮށް ޝަރީއަރީއަތް ކުރާ ކޮޓަރިއަށް ވައްދަން އުޅުމުން ރައީސް ނަޝީދު އެކަމާ ދެކޮޅު ހެއްދިވި ކަމަށް ގާޒީ ވިދާޅުވި އެވެ.
އެކާމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ކޯޓަށް ވަޑައިގަތުމަށް އެއްވެސް އުޒުރެއް ދައްކާފައިނުވާނެ ކަމަށެވެ.
"ކޯޓަށް ނައުމަށް އެއްވެސް ހާލެއްގައި ކުޑަވެސް އުޒުރެއް ދައްކާފައިނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ރައީސް ނަޝީދަށް ދެއްވުމާއެކު ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ އެމަނިކުފާނު ޝަރީއަތަށް ހާޒިރުނުވެ ފިއްލަވާފާނެ ކަމުގެ ބިރުއެބައޮތް ކަމަށް ޕޮލިސް އިންޓެލިޖެންސްގެ ރިޕޯޓުން ވެސް އެނގެން އެބައޮތް ކަމަށެވެ.
މީގެކުރިން ހުޅުމާލޭ ކޯޓުގައި ޝަރީއަތް ބޭއްވިއިރުވެސް ޝަރީއަތަށް ހާޒިރުވާން އެންގުމުން ހާޒިރުވެވަޑައިގެންފައިނުވާކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި އެ މައްސަލަ އަވަސްކުރުމުގެ ގޮތުން ކޮންޓިނިއުއަސް އަޑުއެހުންތަކެއް ބާއްވައިދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.
ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން އެޗެއް ވިދާޅުވުމަށް ރައީސް ނަޝީދަށް ފުރުސަތު އެރުވުމުން އެމަނިކުފާނު ވިދާޅުވީ އެއްޗެއް ދެންނެވޭނީ ވަކީލަކު ހަމަޖެއްސުމަށްފަހު ކަމަށެވެ.
އެއަށްފަހު ގާޒީ އަބްދުﷲ ދީދީ ވަނީ އެ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް އަމުރު ނެރުއްވާފައެވެ.
އަމުރު ނެރުއްވުމަށްފަހު ގާޒީ ވަނީ ރައީސް ނަޝީދަށް ބޭސްފަރުވާކޮށްދިނުމަށާއި ޑޮކްޓަރަށް ދެއްކުމަށް ފުލުހުންނަށް އަންގާފައެވެ.
ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗުގައި ގާޒީ އަބްދުﷲ ދީދީގެ އިތުރުން ހިމެނިވަޑައިގަންނަވަނީ، ގާޒީ ސުޖާއު އުސްމާނާއި، ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.
ފުލުހުން މެދުވެރިކޮށް ރައީސް ނަޝީދު މިއަދު ޖަސްޓިސް ބިލްޑިންގަށް ވައްދައް އުޅެނިކޮށް ރާއްޖެ ޓީވީން އެމަނިކުފާނާ އިންޓަވިއުކުރަން މައިކު ދިއްކޮށްލުމުން ފުލުހުން ވަނީ އެއީ މަނާކަމެއްކަން އަންގާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ އެތެރެއަށް ވަދެވަޑައިނުގަތުމަށް "ގަދަދައްކަވައި އަޑުފުޅު ގަދަކުރައްވައިިފަ" އެވެ.
ގަދަކަމުން ރައީސް ނަޝީދު ކޯޓަށް ވައްދަން އުޅުމުގެތެރޭގައި އެމަނިކުފާނު ބިންމައްޗަށް ވެއްޓުނުތަން ސަންގެ ނޫސްވެރިންނަށް ފެނުނެވެ. އަދި އެމަނިކުފާނަށް އަނިޔާކުރުމުގެ ގޮތުން އެއްވެސް ކަމެއް ފުލުހުން ނުކުރާ ކަމަށާއި އަނިޔާއެއް ލިބުނުނަމަ އެފަދަ އަނިޔާއެއް ވެފައި ވަނީ އެމަނިކުފާނު ގަދަ ހެދުމުން ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.