އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ އާއި ޗެލްސީ ބައްދަލުކުރި މެޗުގައި ބާންލީގެ ސްޓްރައިކަރު އޭޝްލީ ބާންސް ޗެލްސީގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗަށް ކުރި ޓެކްލް އަކީ "ޖިނާއީ ކުށެއް" ފަދަ ކަމެއް ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

އިއްޔެ ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ބާންސް މަޓިޗަށް ކުރި ޓެކްލްއަކީ ވަރަށް ނުރައްކާތެރި ޓެކްލެއް ކަމަށާއި، އެ ޓެކްލްގެ ސަބަބުން ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތް ވުމަކީ މަޓިޗްގެ ނަސީބު ކަމަށެވެ.

"މަޓިޗް އަކީ ވަރަށް ނަސީބު ގަދަ ކުޅުންތެރިއެއް. އެފަދަ ޓެކްލެއްގެ ސަބަބުން އޭނާގެ ފުޓްބޯޅަ ކެރިއާ ނިމިގެން ދިޔުންވެސް އެކަށީގެންވޭ. އެހެން ކްލަބެއް ނަމަ މަޓިޗްގެ ރަތް ކާޑު އެޕީލް ކުރުމުގެ ފުރުސަތުވެސް ލިބޭނެ. ބާންސް ކުރި ޓެކްލް އަކީ ޖިނާއީ ކުށެއް ކުރުން ފަދަ ކަމެއް،" މޮރީނިއޯ ބުންޏެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެ މެޗުގައި ބާންސް ކުރި ޓެކްލަށް ފަހު މަޓިޗް ވަނީ ތެދުވެ އޭނާ ކޮށްޕާ ވައްޓާލާފައެވެ. އަދި އެކަމުގެ ސަބަބުން އޭނާ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން، މެޗުގެ ފަހު 20 މިނެޓު ޗެލްސީ ކުޅެފައި ވަނީ 10 ކުޅުންތެރިންނާ އެކީ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނެގި ޗެލްސީއާ ބާންލީ އަރާ ހަމަހަމަ ކުރީ 81 ވަނަ މިނެޓުގައި ބާންސް ކާމިޔާބު ކުރި ލަނޑަކުންނެވެ.

މޮރީނިއޯ ވަނީ މަޓިޗްގެ އަމަލުތަކުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ބާންސް ޓެކްލް ކުރުމުން މަޓިޗް ރުޅިއައީ ސަބަބެއް ނެތި ނޫން ކަމަށެވެ.

"ފުޓްބޯޅައަކީ ޖަޒުބާތީ ކުޅިވަރެއް. މަޓިޗް އެހާ ފަސޭހައިން ރުޅީ އައީ ސަބަބެއް ނެތިއެއް ނޫން. އޭނަ ތެދުވެ ބާންސް ކޮށްޕާ ވައްޓާލުމަކީ ބާންސްއަށް އަނިޔާ ވާވަރުގެ ކަމެއް ނޫން. ނަމަވެސް ބާންސް ކުރި ނުރައްކާތެރި ޓެކްލް އަކީ މަޓިޗްގެ ކެރިއާ ނިމިގެންދާ ފަދަ ޓެކްލް އެއް. ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިއޭގޯ ކޯސްޓާ ކުރި ފައުލަކީ ޖިނާއީ ކުށެއް ފަދަ ކަމެކޭ ބުނަންޏާ ރޭ، ބާންސް ކުރި ޓެކްލްއަކީވެސް ހަމަ އެފަދަ ކަމެއް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ އިތުރުން ފުޓްބޯޅައާ ބެހޭ ބައެއް މާހިރުންވެސް ވަނީ ބާންސްގެ ޓެކްލް ކުށްވެރި ކޮށްފައެވެ. އެގޮތުން އިންގްލެންޑުގެ ކުރީގެ ސްޓްރައިކަރު އެލެން ޝިއަރާ ވަނީ ބާންސްގެ ޓެކްލްއަކީ ވަރަށް ނުރައްކާތެރި ޓެކްލްއެއް ކަމަށް ބުނެ، ބާންސްއަށް ކާޑެއް ނުދެއްކި ކަމާމެދު ސުވާލު އުފައްދާފައެވެ.

"ބާންސް މަޓިޗަށް ކުރި ޓެކްލަކީ ވަރަށް ނުރައްކާތެރި ޓެކްލެއް. މަޓިޗްގެ ރިއެކްޝަން މުޅިން ރަނގަޅު ނޫނަސް، އޭނާ ރުޅިއައީ ކީއްވެކަން އިނގޭ. އެފަދަ ޓެކްލްއަކުން ކުޅުންތެރިއެއްގެ ފައިވެސް ބިންދައިން ދިޔުން އެކަށީގެންވޭ،" ޝިއަރާ ބުންޏެވެ.