މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްސަލަ ރައްޔިތުންގެ މެޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލައިގެންފި އެވެ.

މިއަދު ހަވީރު ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި މި ގޮތަށް ނިންމެވީ ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އެވެ. ޖަމީލް ހުށަހެޅުއްވި ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ އާޒިމްގެ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަން އަވަހަށް ބަލަންޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަ އަވަހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޖެހޭ ކަމަށް ޖަމީލްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ ކޮންމެ ބޭފުޅެއް ކަމުގައިވީ ނަމަވެެސް މައްސަލަވީ އެންމެ އިންސާފު ވެރިކޮށް ބަލާ ނިންމަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުމީ މިގޮތަށް ކޮންމެ މައްސަލައެއް ހުށަހެޅިއަސް އެއީ ކޮންމެ ޕާޓީ އެއްގެ ކޮންމެ މެމްބަރެއް ކަމުގައި ވިއަސް އެ މައްސަލައެއް އަވަހަށް ބަލާ ނިންމަންޖެހޭނެ. އަދި އެ މައްސަލައެއް ބަލައި ނިންމަން ޖެހޭނީ އިންސާފުވެރިކޮށް،" ރުކުމާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔައިރު އާޒިމްގެ ބަންދަން ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ. އާޒިމް ހައްޔަރުކުރީ އެމްޑީޕީ-ޖޭޕީ އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ހޫނުވެ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.

ކޮމިޓީ ނިންމާލެއްވީ އާޒިމްގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ފަހު ވީ އެންމެ އަވަހަކަށް ކޮމިޓީ ބޭއްވުމަށް ކަމަށް ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި މެމްބަރަކު ބަންދު ކުރަންޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން 15 މިނެޓު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް އަންގަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް މައުލޫމާތު ލިބިއްޖެ ނަމަ ލަސްވެގެން 24 ގަޑި އިރުގެ ތެރޭގައި އިމްތިޔާޒު ކޮމިޓީއަށް އަންގަންވާނެ ކަމަށެވެ. އަދި އެކަން އެންގުމާ އެކުވީ އެންމެ އަވަސް ފުރުސަތެއްގައި އިމްތިޔާޒު ކޮމިޓީ ބާއްވަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އިމްތިޔާޒް ކޮމިޓީން މައްސަލަ ބެލުމަށް ފަހު މަޖިލީހުގެ ރައީސް އަށް ހުށަހަޅާ ރިޕޯޓްގައި މެންބަރަކު ހައްޔަރުކޮށްފައި ހުރީ އެކަށީގެންވާ ހެކިނެތި ނުވަތަ ސިޔާސީ މަގުސަދެއްގައި ކަމަށް ފާހަގަކޮށްފި ނަމަ، އޭނާ ބަންދުން މިނިވަން ކުރުމަށް އެންގުމުގެ ބާރު މަޖިލީހުގެ ރައީސް އަށް ލިބިގެންވެ އެވެ.

މަޖިލީހުގެ ރައީސްގެ އެފަދަ އަމުރަކަށް މެންބަރަކު ދޫކޮށް ނުލައިފި ނަމަ، އެކަމާ މެދު ދެން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުންނެވެ.