23 Feb 2015, 17:09
ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް ދިހަަ ދުވަސް ޖަހައިދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އާޒިމްގެ ބަންދަށް 10 ދުވަސް ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން ކަމަށެވެ.
ފުލުހުން އާޒިމް ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކައިރީގައ އެމްޑީޕީ އާއި ޖޭޕީ އިން ރޭ މުޒާހަރާކުރަނިކޮށް، އެކަން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެންނެވެ.
އާޒިމްގެ އިތުރުން އިއްޔެގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އަށް މީހަކު މިއަދު ވަނީކޯޓަށް މުއްދަތް ޖެހުމަށް ހާޒިރުކޮށްފަ އެވެ.
އިތުރުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެތެރެއިން 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އަންހެނަކު ނަސޭހަތް ދިނުމަށް ފަހުކޮށްލާފައިވާއިރު އިއްޔެ އާއި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މިހާރު ތިބީ 13 ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އާޒިމް ވެސް ހިމެނިވަޑައިގެންނަނވަ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް މުޒާހަރާއެއްގެ ތެރެއިން ފުލުހުން އާޒިމް ހައްޔަރުކުރި އެވެ. އެފަހަރު އޭނާގެ ކުޑަކަމުދާއެއްޗިހި ނެގުމަށް ފުލުހުން އުޅުމުން އާޒިމް އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.