23 Feb 2015, 15:56
ހައްޖު އުސޫލަކީ ވަކި ތިން ކުންފުންޏަކަށް މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ބައްޓަންކޮށްފައިވާ އުސޫލެއް ކަމަށް އޭކްރޯ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައީސް އޮފީހުން ގެޒެޓް ކޮށްފައިވާ "ދިވެހި ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާއި ބެހޭ އުސޫލް"ގެ ސަބަބުން އެ މަސައްކަތްކުރާ ގިނަ ކުންފުނިތަކެއްގެ ހައްގު ސަރުކާރުން ކުއްލި ގޮތަކަށް ނިގުޅައިގެންފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ވޭތުވެ ދިޔަ ހަތް އަހަރު ކަނޑައަޅާފައިވާ ގޮތުން ނަމަ، ކުންފުނީގެ އެންމެ އިސްވެރިޔާގެ ޝަރުތަކީ ތިން އަހަރުގެ ހައްޖަށް މީހުން ގެންދިއުމުގެ ތަޖުރިބާ ހުރުމެވެ. ނަމަވެސް އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ހައްޖަށް މީހުން ގެންދިއުމުގެ ތަޖުރިބާގެ ގޮތުގައި 10 އަހަރަށް ވުރެ ގިނަ ނަމަ 10 ޕޮއިންޓް އަދި ފަސް އަހަރު ނަމަ ފަސް ޕޮއިންޓް ލިބެ އެވެ.
"ހައްޖު އުސޫލަކީ ހައްޖަށް މީހުން ގެންދާ ކުންދިތަކުގެ ތެރެއިން ވަކި ތިން ކުންފުންޏަކަށް މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާއި އެކު އެހެން ކުންފުނިތަކަށް މި ފުރުސަތު ނުދިނުމުގެ ބޭނުމުގައި ހިމަނާފައިވާ ގޮތެކެވެ. މިއީ އަދުލު އިންސާފާއި ހަމަހަމަކަމާއި ހިލާފަށް އަދި ގާނޫނު އަސާސީއާ ވެސް ހިލާފަށް ތައްޔާރުކޮށްފައިވާ އުސޫލެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އެކްރޯއިން ބުނީ، ހައްޖަށް ގެންދިއުމުގެ އުސޫލްގައި ވޭތުވެ ދިޔަ ހަތް އަހަރު ނުހިމަނާ އާ ކަންތައްތަކެއް ހިމަނަައިގެން އިސްލާމިކް މިނިސްޓްރީން ބޭނުން ބަޔަކަށް ޕޮއިންޓްދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިއީ "ސައްތައިން ސައްތަ މުއްލިމް ގައުމުގެ އިސްލާމިކް މިނިސްޓްރީގެ ހުދުމުހުތާރުކަމާއި އަނިޔާވެރިކަން ހުރި ގޮތް،" ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފަ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ އުސާލުގައި ހުރި ކަންތައްތައްކާމެދު ފާޑުކިޔައި، ނޫސްބަޔާނެއް އެކްރޯއިން ނެރެފައިވާ އިރު، އެ ކުންފުނިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އަދި އެ އުސޫލަކީ އެތައް ބައެއްގެ ހައްގުތައް ނިގުޅައި ގަންނަމުން ގެންދާ ކަމަކަށްވާތީވެ، އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
"ހައްޖުގެ އުސޫލް ބައްޓަންކޮށްފައި ވަނީ މިހާރު މިމަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން ވަކި ބަޔަކަށް އަނިޔާވެރިވެ ވަކި ބައެއްގެ ހައްގުތައް ނިގުޅައިގަނެ ވަކި ބަޔަކަށް މަންފާލިބޭ ގޮތަށެވެ. އަދި މިމިނިސްޓްރީ އިން ބޭނުން ބަޔަކަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ފަސޭހައިން ދެވޭ ގޮތަށެވެ. މިހެންކަމުން މި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުނީ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެކްރޯއިން ބުނީ، އެ ކުންފުނީގެ މެނޭޖްމަންޓުގައި އެންމެ އިސްކޮށްތިބީ ވޭތުވެދިޔަ ހަތް އަހަރުގައި މެދު ނުކެނޑި ހައްޖު އުމްރާގެ މަސައްކަތް ކޮށްފައިވާ ބައެއް ކަމަށާއި އެ ކުންފުނީގެ ނަމުގައި މިދިޔަ ދެ އަހަރު ވެސް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި އެ ދެ އަހަރުގައި ވެސް އެ ކުންފުނީގެ ހައްޖުވެރިއަކާ ދެމެދު ފައިސާގެ މައްސަލައެއް އަދި އެހެން މައްސަލައެއް ވެސް ޖެހިފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.