ތިލަފުށީ ބިން ހިއްކުމުގެ ޕުރޮޖެކްޓް ހުއްޓާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރު ނުކުރެވޭނެ ކަމަށް ހެވީލޯޑް މޯލްޑިވްސްގެ ޗެއާމަން އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ހެވީލޯޑުން ފެށި ތިލަފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް އެ ކުންފުންޏަށް ދިނުމުގައި ހިޔާނާތުގެ ތުހުމަތު ތަކެއް ހުރިކަމަށް ބުނެ އެ ޕްރޮޖެކްޓް ހުއްޓާލުމަށް އޭސީސީން އަމުރުކުރުމުން ރާއްޖެޓީވީއަށް މޫސަ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަސައްކަތް ފަށައި ބިންހިކުމަށް އިންވެސްޓް ކުރުމަށް ފަހު އެ މަސައްކަތް ހުއްޓުވުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށާއި އެކަން ހުއްޓުވަން ޖެހޭނީ ކޯޓުން އަމުރަކުން ކަމަށެވެ.

"އެ އެގްރިމެންޓް އޮތް ގޮތުން ޓީސީއެލްއަކަށް ނުވެސް އެންގޭނެ އަޅުގަނޑު މެންނަކަށް އެ މަސައްކަތް ހުއްޓުވާކަށް. އެއީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އަޅުގަނޑުމެންނާ ހަވާލުކޮށްފަ އޮތް މަޝްރޫއެއް. މިހާރު އެއޮތީ މަސައްކަތް ފަށާފަ. އަޅުގަނޑަށް ހީވަނީ މީގަ ގާނޫނީ ޕޮއިންޓަކީ މަސައްކަތް ފެށުމަށް ފަހު އެ މަސައްކަތް ހުއްޓުވަން ޖެހޭނީ ޕުރޮޖެކްޓް ފެށުމުގެ ކުރިއަށް ބަލާފައި. އެކަމަކު އެ މަސައްކަތް ހުއްޓާލުމުގެ ކޯޓު އަމުރަކަށް އަޅުގަނޑުމެން ފަހަތައް ނުޖެހި ތަބާވާނަން،" ރީކޯ މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ހުއްޓައިލަން ޖެހިއްޖެ ނަމަ އެކަމުގެ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓުގައި ދައުވާކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މީހެއްގެ ސިޔާސީ ފިކުރަކުން ނޫނީ އެ މީހަކު ނިސްބަތްވާ ޕާޓީއެއްގެ ސަބަބުން އެމީހެއްގެ ދަރިޔަކު ކުރަމުން އަންނަ ވިޔަފާރިއަކަށް ހުރަސް އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"މަސައްކަތް ހުއްޓުވައިފިއްޔާ ދެ ބަދަލަކަށް އަޅުގަނޑުމެން އެދޭނަން. އެއީ ސިޔާސީ ބަދަލު. އެއީ ސިޔާސީ ރޯލު ކުޅުނު މީހުންނަށް އެ އަދަބު ވަރަށް ރަނގަޅަށް އިރާދަ ކުރެއްވިއްޔާ ދޭނަން. ޝަރުއީގޮތުން ކަމެއް ނިންމަވާފާނެ ކަމަށް ބަލައި އަޅުގަނޑު 100 ޕަސެންޓް ޔަގީން ކަމާ އެކު މިދަންނަވަނީ އެއްވެސް ޕްރޮޖެކްޓަކުން ރައްޔިތުންގެ ފައިސާއަކަށް އަޅުގަނޑުވެސް އަޅުގަނޑުގެ ދަރިޔަކުވެސް ހިޔާނާތްވެފައެއް ނޯންނާނޭ،" ރީކޯ މޫސަ ވިދާޅުވި އެވެ.

ހެވީލޯޑްން ތިލަފުށި ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރާތާ ހަތަރު މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށާފައި ނުވާކަމަށް އޭސީސީން ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި ތިލަފުށީގައި ފަސް ހެކްޓަރުގެ ބިމެއް ހިއްކާފައިވާ ކަމަށެވެ.

"އެތަނުގަ މަސައްކަތް ފެށުމަކީ ޑްރެޖަރު ބޭނުންކޮށްގެން އެތަން ހިއްކަން ފެށުމެއް ނޫނޭ. އަޅުގަނޑުމެން އޭގެ ކުރިން އެތަނަށް ފައިބާ އެތަނުން ހަތަރެއް ނޫނީ ފަސް ހެކްޓަރުގެ ބިމެއް ހިއްކާފަ ބޮޑުސިންގާނަ ތަނެއްވެސް އަޅާފަ އޮންނާނީ. އެހެންވީމަ ކިހިނެތްތޯ ބުނާނީ އެތަނުގެ މަސައްކަތް ނުފަށައޭ،" މޫސާ މަނިކު ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ހެވީލޯޑަކީ އޭނާގެ ދަރިން ކާންބޯން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ސިޔާސީ ގޮތުން ކަމެއް މޫސަ އާ ދެކޮޅަށް ކުރާނަމަ ސީދާ މޫސައާ ބެހުމަށެވެ. އަދި އޭނާ ވަނީ އޭސީސީން ޕީއޭ އާ ވަރަށް ހާއްސަ ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތު ކުރައްވަމުން ވިދާޅުވީ އެއީ މިހާރު ފެންމަތިވެގެން އުޅޭ ކުރީގެ ސަރުކާރުގެ 800 މިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ މައްސަލަ އޮއްބާލުމަށް ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

ތިލަފުށީ ފަޅުން 130 ހެކްޓަރު ބިން ހިއްކަން ހެވީ ލޯޑާ ހަވާލުކުރީ، އެމްޓީސީ އިން ހުށަހެޅި 167.4 މިލިއަން ރުފިޔާ އަށް ވުރެ 102.45 މިލިއަން ރުފިޔާ ބޮޑުކޮށެވެ.

ތިލަފުށި ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެއްޓުމުގެ ރަސްމިއްޔާތުގައި ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ރިޔާޒު ވިދާޅުވީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެން ހުރި ކަންތައްތައް ކޮށްދިނުމަށް ކަމަށާއި ހެވީލޯޑަށް އެ މަސައްކަތަތް ހަވާލުކުރީ އެ ކުންފުންޏަކީ އެކަން ކުރުމުގެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ވާތީ ކަމަށެވެ. އަދި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށެވެ.

"ހެވީލޯޑަށް ޕުރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނުހިގާ. އެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން." އޭނާ ވިދާޅުވެފައިވެ އެވެ.