23 Feb 2015, 15:50
މުޒާހަރާތަކުގައި މީހުންގެ މުދަލަށް ގެއްލުން ނުލިބޭނެ ގޮތަށާއި ވިޔަފާރިތަކަށް ދަތިނުވާ ގޮތަށް ޢަމަލުތައް ބެހެއްޓެވުމާއި އަދި ޢާއްމު ދަތުރުފަތުރުތަކަށް ބުރޫ ނާރާނެހެން ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިހާރު މާލޭގައި ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން ބައެއް ސަރަޙައްދުތަކުން ވިޔަފާރިތަކަށް ގެއްލުން ވުމާއި ބައެއް ސަރަޙައްދުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރައި ގިނަ ބަޔަކަށް އެކަމުގެ ދަތިތައް ފޯރުމުންދާ ކަމަށެވެ. އަދި ހަމައެއާ އެކު ބައެއް ސަރަޙައްދުތަކުގައި ޢާއްމު ރައްޔިތުންނަށް ހިނގައިބިނގާ ވުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުން ކަމަށެވެ.
ފުލުހުން ބުނީ ރޭ މާލޭގައި ހިނގި މުޒާހަރާ ހިނގި ސަރަޙައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ ސަބަބުން އެފިހާރައިގެ ވެރިފަރާތުގެ މުދަލަށް ގެއްލުންލިބި، ފިހާރައަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައި ކަމަށެވެ. އަދި ފުލުހުންގެ ވެހިކަލެއް ޕާކުކޮށްފައި އޮއްވައި ވެހިކަލަށް ވެސް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވަނީ ގެއްލުން ދީފައި ކަމަށް ފުލުހުން ބުންޏެވެ.
"ވީމާ މުޒާހަރާތަކާއި އެއްވުންތައް ކުރިޔަށް ގެންދާއިރު މީހުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ނުވާނެހެން އަދި ޢާއްމު ދަތުރުފަތުރަށް ބުރޫ ނާރައި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ގެއްލުން ނުލިބޭނެހެން އެފަދަ އެއްވުންތަކާއި މުޒާހިރާތައް ކުރިޔަށް ގެންދިއުން އެދޭވާހަކަ ދަންނަވަމެވެ." ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ރޭ އެމްޑީޕީ-ޖޭޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އަލިކިލޭގެފާނު މަގުގެ ޓްރެފިކް ލައިޓް ކައިރީގައި ހުންނަ "ނިއުލައިން" ކިޔާ ފިހާރައެއްގެ ބިއްލޫރިގަނޑު ވަރަށް ބޮޑަށް ތަޅައިގެން ދިއުމާ ގުޅިގެން ނެވެ. އަދި އެވަގުތު އެ ފިހާރަ ކައިރީގައި ހުރި މީހެއްގެ އަތް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ މުޒާހަރާތަކުގައި 18 އަހަރުން ދަށުގެ ކުދިން ބައިވެރި ނުކުރުމަށާއި ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ތިބުންފަދަ ކަންކަން ނުކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.
މުޒާހަރާތައް، ސުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ވެސް ފުލުހުން ވަނީ އިއްޔެ އިލްތިމާސްކޮށްފަ އެވެ.