23 Feb 2015, 15:45
ކުޑަކުއްޖަކާ ޖިންސީ އަމަލް ހިންގި ކަމުގެ ކުށް ޝަރީއަތަށް ޝާބިތުވި މީހަކު 13 އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި ޖަލަށް ލުމަށް ފިއްލަދޫ ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ހއ. ފިއްލަދޫ، ފީރޯޒްގެ އިސްމާއިލް ހުސައިން 87، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، 15 އަހަރުގެ ފިރިހެން ކުއްޖަކާ ޖިންސީ އަމަލު ހިންގި ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެންނެވެ.
އެ ދައުވާ ބެލުމަށް ފަހު ފިއްލަދޫ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އިސްމާއިލް ހުސެއިންގެ މައްޗަށް ހުށަހެޅި ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ކުށުގެ ދައުވާ އެއީ ތެދު ދައުވާއެއް ކަމަ ބުނެ އެ ދައުވާ އަށް އިސްމާއިލް ހުސައިން ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އިސްމާއިލް ހުސައިންއަކީ އެއްޖިންސުން ގުޅުން ހިންގުމުގެ ރެކޯޑްސް އޮންނަ މީހަކަށްވުމާ އެކު އެގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.