ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބާއްވާ ފުރަތަމަ އަޑުއެހުމަށް ނަޝީދުގެ ގާނޫނީ ވަކީލުންނަށް ނުވަދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އަންގައިފި ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

މިއަދު ހެންވޭރު ހުޅުގެލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއެއްގައި ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނޭ، އަބްދުﷲ ޝާއިރު ވިދާޅުވީ އޭނާ އާއި ވަކީލު އަބްދުﷲ އަފީފު ނަޝީދުގެ ޝަރީއަތަށް ވަނުމަށް ކޯޓުގައި ރަޖިސްޓްރީވުމަށް ކޯޓުގައި އެދުމުން، މައްސަލަ ތާވަލު ކުރާތާ ދެ ދުވަސް ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ނަޝީދުގެ މައްސަލަ ކޯޓަށް ހުށަހެޅީ އިއްޔެ ކަމަށާއި ދެ ދުވަސް ކުރިން ރަޖިސްޓްރީވެވޭނެ ގޮތެއް ނޯންނާނެ ކަމަށް ބުނެ، ކޯޓުގައި ދެންނެވުމުން ވެސް ކޯޓު އެކަން ބަލައިގެންފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގަވާއިދުގައި ބުނެފައި ވަނީ އެ ކޯޓުގައި މައްސަލަ ތާވަލްކުރުމުގެ ދެދުވަސް ކުރިން އެ މައްސަލައެއްގައި ވަކާލާތުކުރުމަށް އެދި ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެ މައްސަލާގައި ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޝާއިރު އާއި އަފީފަކީ ކްރިމިނަލް ކޯޓުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ވަކީލުން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

މިއަދު ބައްދަލުވުމުގައި ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ވަކީލުންނަށް ރައީސް ނަޝީދުގެ ޝަރީއަތަށް ނުވަދެވޭނެ ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ރަޖިސްޓްރީ ވެފައި ނުވުމުގެ ސަބަބުން ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން އާއި ހަސަން ލަތީފާއި އިބްރާހީމް ރިފްއަތަށް އެ ފުރުސަތު ނުލިބުނު ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ އެމަނިކުފާނުގެ ޝަރީއަތަށް ބޭނުންވާނެ ގާނޫނީ ލަފާ، ދެފަހަރެއްގެ މަތިން ބައްދަލުކުރައްވައި ރައީސް ނަޝީދަށް އަރުވާފައިވާ ކަމަށެވެ. ނަޝީދުގެ ގާނޫނީ ޓީމުން ބުނީ އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ގަވާއިދާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށާއި، ގާނޫނުގައި ބުނެފައިވާ ގޮތުން މީހަކު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެވޭނީ ފުލުހުން ކޯޓުގައި އެދިގެން ނުވަތަ ކޯޓަށް ފެނިގެން ކަމަށެވެ. ނަމަވެސް ނަޝީދު ހައްޔަރުކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ކޯޓުގައި އެދުމަކީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ނަޝީދުގެ ވަކީލުން ބުންޏެވެ.

"އެންމެ ފުރަތަމަ އަމުރަށް އެދުންވެސް އެއީ ގާނޫނު އަސާސީއާ ޚިލާފަށް ހިންގާފަ އޮތް އިޖުރާތެއްކަން އަޅުގަނޑުމެން ފާހަގަކުރަން" ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވި އެވެ.

ވަކީލުންގެ ޓީމުން ބުނީ ނަޝީދު ހައްޔަރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ ފޯމް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ފޯރުކޮށްދީފައި ނުވާތީ މައްސަލަ އިސްތިއުނާފު ކުރެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އެ ފޯމް ލިބުނުހާ އަވަހަކަށް މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.