ސަރުކާރާ ހަވާލުވީ ރާއްޖޭގެ އިގްތިޞާދު ހަރުދަނާ ކުރުމަށާއި ހިދުމަތްތައް ހަރުދަނާ ކުރުމަށް ޒުވާނުންނަށް އިސްކަން ދިނުމާއި އެކަމަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ބެޗެލާސް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޮންދު ވިދާޅުވީ މިހާރު އޮތް ވަރަށް ވުރެ ބޮޑަށް އިގްތިޞާދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ އިރު ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގައި މަސައްކަތް ކުރަނީ އެއީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ބިނާ ވެފައި ވަނީ ޒުވާނުންނަށް ކަމަށްވާތީ ކަމަށެވެ. ސަރުކާރާ ހަވާލުވީ އެ ދެ އަމާޒުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވީ ވަރަށް މުހިއްމު ދެ އަމާޒެއްގައި. އެއް އަމާޒަކީ އަޅުގަނޑުމެންގެ އިގްތިޞާދު އޮތް ހިސާބުން އެއަށްވުރެ ރަނގަޅު އަދި ހަރުދަނާ ހިސާބަކަށް ގެންދިޔުން. އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަން. ގައުމު އިތުރު އުސްމިންތަކަށް ގެންދިޔުމުގައި އެހީތެރިވާނެ ބަޔަކީ ޒުވާނުން. ދެވަނަ ކަމަކީ ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމާ ޒުވާނުންނަށް ހާއްސަ އިސްކަމެއް ދިނުން. ޒުވާނުންނަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް،" މުންދު ވިދާޅުވި އެވެ.

ފުލުހުންނަށް އަމާޒުކުރައްވައި މުންދު ވިދާޅުވީ ފުލުހުން ރަމްޒުކޮށްދެނީ ގައުމުގެ އެންމެ ރަނގަޅު ސިފަތަކާއި ކަންތައްތައް ކަމަށެވެ.

އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް އިން ހިންގި އެކޯސް ކުރިއަށް ގެންގޮސްފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ޖުމްލަ 94 ދަރިވަރުން ބައިވެރިވެފައިވާ އެ ކޯހުގެ ޑިގްރީ އިން ދަސްވެނި ވެފައިވަނީ 42 ދަރިވަރުންނެވެ. އަދި ޑިޕްލޮމާ އިން ދަސްވެނިވެފައިވަނީ 52 ދަރިވަރުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ އިންސްޓިޓިއުޓް އިން މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް ވަނީ އިފްތިތާހު ކުރައްވާފަ އެވެ. ޖުމްލަ 54 ޕްރޮގްރާމެއް މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު އެ ޕްރޮގްރާމްތައް އިފްތިތާހު ކުރައްވާފައި ވަނީ ޖަލްސާގެ ޝަރަފުވެރި މެހްމާން މުހައްމަދު ޝަރީފެވެ.