ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީ އާއި ޖޭޕީގެ ސަޕޯޓަރުން ނުކުމެ ސަރުކާރާ އިދިކޮޅަށް ކުރަމުން ގެންދާ މުޒާހަރާތަކުގައި ހައްޔަރުކުރި ބައެއް މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ގާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ މާލޭގައި މިހާރު ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހިރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް މީހުން ތިބީ މަސތުގެ ޙާލަތުގައިކަން ތަޙުލީލުތަކުން އެނގިފައިވާ ކަމަށެވެ.

ރޭ މާލޭގައި ހިނގި މުޒާހަރާތަކާ ގުޅިގެން ނުވަ މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 18 އަހަރުން ދަށުގެ ކުއްޖާ އާއި އަންހެން މީހާއަށް ނަސޭހަތްދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

މާލޭގައި ރޭކުރި މުޒާހަރާގައި 10 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ އިރު، ރައީސް ނަޝީދު ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އިއްޔެ ވަނީ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިއްޔެ އާއި ރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ތިބީ 13 ފިރިހެނުންނެވެ. އެ 13 މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.