23 Feb 2015, 12:52
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މި އަހަރު ބޭއްވި އެންމެ ފުރަތަމަ މުބާރާތް، އޯޕަން 8-ބޯލް ބިލިއާޑް މުބާރާތުގެ ޗެންޕިއަންކަން ދުންޔާޒް މުހައްމަދު ހޯދައިފި އެވެ.
ދުންޔާޒް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ އެމްޕީބީއޭ ކްލަބް ހައުސްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އިބްރާހިމް ހަނީފްއާ ވާދަކޮށް، 6-8 ފްރޭމުން މެޗު ކާމިޔާބު ކޮށްގެނެވެ.
މެޗުގެ ފުރަތަމަ ހަތަރު ފްރޭމް ވެސް ގެންދިޔައީ ދުންޔާޒް އެވެ. ނަމަވެސް ހަނީފް ވަނީ ކުޅުން ރަނގަޅުކޮށް، ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ އެންމެ ފަހު ފްރޭމް ދުންޔާޒް ކާމިޔާބު ކުރި އިރު، ހަނީފް ވަނީ އޭނާއާ އެއް ފްރޭމް ގާތަށް ޖެހިލާފަ އެވެ.
ރޭ ކުޅުނު ފައިނަލް މެޗަށް ފަހު ޗެންޕިއަނަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެ މެޗުގެ ޝަރަފްވެރި މެހެމާން، ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ގައުމީ ބާސްކެޓް ބޯޅަ ޓީމުގެ ކޯޗް އަހުމަދު ފަޔާޒް އެވެ. ފަޔާޒްގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އެމްޕީބީއޭގެ ރައީސް ހަސަން ޝަފްރާޒް އާއި ޖެނެރަލް ސެކްރެޓަރީ އަހްމަދު ޝަރީފް ހުސައިން އަދި އެމްޕީބީއޭގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.
ޗެންޕިއަން ދުންޔާޒް އަށް ފައިސާގެ އިނާމްގެ ގޮތުގައި 3000 ރުފިޔާ ލިބިފައިވާ އިރު، ރަނަރަޕް ހަނީފްއަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.
މިމަހުގެ 16 ވަނަ ދުވަހު ފެށި އޯޕަން 8-ބޯލް ބިލިއާޑް މުބާރާތުގައި މުޅިއަކު 32 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ. އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުންތެރިން އަށް ގްރޫޕަކަށް ބަހާލުމަށް ފަހު، ގްރޫޕުން އެންމެ ކުރި ހޯދާ ދެ ކުޅުންތެރިން ދެވަނަ ބުރަށް ކޮލިފައިވާ ގޮތަށެވެ.
އޯޕަން 8-ބޯލް ބިލިއާޑް މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ ރޭސްޓް ފަސް ފްރޭމަށެވެ. އަދި ދެވަނަ ބުރާއި ކުއާޓާ ފައިނަލްގެ މެޗުތައް ރޭސްޓް ހަ ފްރޭމަށް ކުޅެފައިވާ އިރު، ސެމީ ފައިނަލް އާއި ފައިނަލް ކުޅެފައި ވަނީ ރޭސްޓް ހަތެއް އަށް ފްރޭމަށެވެ.