23 Feb 2015, 12:45
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
އެމްޑީޕީ-ޖޭޕީ އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ހޫނުވެ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހުން ވަނީ އާޒިމް ވެސް ހައްޔަރު ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި މެމްބަރަކު ބަންދު ކުރަންޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން 15 މިނެޓު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް އަންގަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މިއަދު "ސަން" އަށް ވިދާޅުވީ އަލީ އާޒިމްގެ މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް މައުލޫމާތު ލިބިއްޖެ ނަމަ ލަސްވެގެން 24 ގަޑި އިރުގެ ތެރޭގައި އިމްތިޔާޒު ކޮމިޓީއަށް އަންގަންވާނެ ކަމަށެވެ. އަދި އެކަން އެންގުމާ އެކުވީ އެންމެ އަވަސް ފުރުސަތެއްގައި އިމްތިޔާޒު ކޮމިޓީ ބާއްވަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
އިމްތިޔާޒް ކޮމިޓީން މައްސަލަ ބެލުމަށް ފަހު މަޖިލީހުގެ ރައީސް އަށް ހުށަހަޅާ ރިޕޯޓްގައި މެންބަރަކު ހައްޔަރުކޮށްފައި ހުރީ އެކަށީގެންވާ ހެކިނެތި ނުވަތަ ސިޔާސީ މަގުސަދެއްގައި ކަމަށް ފާހަގަކޮށްފި ނަމަ، އޭނާ ބަންދުން މިނިވަން ކުރުމަށް އެންގުމުގެ ބާރު މަޖިލީހުގެ ރައީސް އަށް ލިބިގެންވެ އެވެ.
މަޖިލީހުގެ ރައީސްގެ އެފަދަ އަމުރަކަށް މެންބަރަކު ދޫކޮށް ނުލައިފި ނަމަ، އެކަމާ މެދު ދެން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުންނެވެ.