ޤާހިރާ: މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް ނަފްސާނީ އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް މިސްރުގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓްތަކެއް ބުނެފިއެވެ.

މިސްރުގެ ނޫސްތަކުގައި ޝާއިޢުކުރެވުނު މިރިޕޯޓްތައްް ބުނާގޮތުން ރައްޔިތުންގެ އުތުރިއެރުމަކުން ވަރަށް ނިކަމެތި ގޮތަކަށް ވެރިކަމުން ވެއްޓިގެން ދިޔުމުން މުބާރަކަށް ވަނީ ނަފްސާނީ ގޮތުން ތަޙައްމަލްނުކުރެވޭ ވަރުގެ ބޮޑު ހިތާމަތަކެއް ކުރިމަތިވެ ވަޑައިގެންފައެވެ. މި ހިތާމަތަކާގުޅިގެން ނަފްސާނީ އާލާސްކަންފުޅެއް ތަޙައްމަލްކުރައްވާ މުބާރަކް، ޑޮކްޓަރުން ދެއްވާ ބޭސް ފަރިއްކުޅުއްވުމަށްވެސް ދެކޮޅު ހައްދަވާ ކަމަށް މިިޕޯޓްތައް ބުނެއެވެ.

މުބާރަކް އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް އެމެރިކާގައި ހުންނަވާ މިސްރުގެ ސަފީރު ސާމިޙް ޝުކުރީ ވެސްވަނީ ވިދާޅުވެފަ އެވެ. ސާމިޙް ޝުކުރީއަކީ މުބާރަކާ ވަރަށް އަރިސް ބޭފުޅެކެވެ. އެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ސާމިޙް ވިދާޅުވީ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދަށަށްދާ ކަމުގައެވެ. ނަމަވެސް އިތުރު ތަފްސީލް ދެއްވުމަށް ދެކޮޅު ހެއްދެވިއެވެ.

މިސްރުގެ ނޫހެއް ކަމަށްވާ "އަލްމިސްރީ އަލްޔަވްމު" ބުނިގޮތުގައި މުބާރަކަށް ކުރިމަތިވެ ވަޑައިގެންފައިވާ ނަފްސާނީ އާލާސްކަންފުޅުގެ ސަބަބުން ވަރަށް ގިނައިން ޚަބަރުހުސްވާގޮތް ނުވަތަ ކޯމާއަކަށް ދާގޮތް އޭނާއަށް ކުރިމަތިވެ ވަޑައިގަންނަވައެވެ. މިކަމަށް ފަރުވާ ހޯދުމަށްޓަކައި ސިއްރިޔާތުގައި މުބާރަކް ޖަރުމަނުގެ ރަށެއް ކަމަށްވާ ބާލިން އަށް ވަޑައިގެން އެރަށުގެ ކްލިނިކަކުން ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށްވެސް މި ނޫސް ބުނެއެވެ. ނަމަވެސް މި ޚަބަރު އެެހެން ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އަނެއްކޮޅުން މިސްރުގެ ބައެއް ފަރާތްތަކުން ގެންދަނީ ކޮރަޕްޝަނާއި ދައުލަތުގެ މުދަލާއި ފައިސާ ހުއްދަނޫން ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ކުށުގައި މުބާރަކްގެ މައްޗަށް ޝަރީޢަތް ހިންގުމަށް ގޮވާލައްވަމުންނެވެ. މިގޮތަށް ގޮވާލެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޖަމާލް ޢަބްދުނާސިރުގެ ހަގު ދަރިކަލުން ޢަބްދުލްޙަކީމް ޢަބްދުއްނާސިރު ހިމެނެއެވެ. -- މިސްރުގެ ނޫސްތައް، އަލްޖަޒީރާ